ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރަ މަޑުޖެހި، މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި، ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ
ވައި ޖެހޭނެގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.
މީގެ އިތުރުން، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އޮތް ކަމަށް މެޓް އޮފީހުން ބުނެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހުޅުލެއަށެވެ. އެއީ 26.9 މިލިމީޓަރުގެ ވާރޭއެވެ. މާލެއަށް 25.8 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެއަށް 15.7 މިލިމީޓަރު އަދި ކ. ދިއްފުއްޓަށް 15 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ.


