ކަނޑުގަދަވެގެން އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ސަރަހައްދުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވަރަށް ތިރިން އުދުހެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އޭވިއޭޓާޒް މޯލްޑިވްސްއިން ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސައިޑަން" މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ.
ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދިޔަ މި ސަޕްލައި ދޯނި ކަނޑުގަދަވެ ރާޅު އެރުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދާ ކަމުގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭގެ 22:37 ހާއިރެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފާއި ފުލުހުން ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފެށި ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދޯނި ސަލާމަތްކުރެވޭ ގޮތް ނުވެ، އެ މަސައްކަތުގައި އުޅެނިކޮށް ދޯނި ވަނީ އަޑިއަށް ގޮސްފައެވެ.
ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތް ކުރެވިފައެވެ. ނަމަވެސް، މި ހާދިސާގައި ތިން މީހަކު ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ:
ޕޮލިސް ސާޖަންޓް އަލީ ނާފިއު (33 އަހަރު)
އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު (39 އަހަަރު)
ދޯނީގެ ކައްޕި ތ. މަޑިފުށީ، މުހައްމަދު ހަމްދޫން (35 އަހަރު)
އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާ ހިނގި ވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް ޑްރޯންސް" (ޔޫއޭވީ) ބޭނުންކޮށްގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން އަންނަ ކަމަށެވެ.
އެ އުޅަނދުތަކަކީ އިންފްރާރެޑް ސެންސަރު ބޭނުންކޮށްގެން ރޭގަނޑުގެ އަނދިރީގައި ވެސް ކަނޑުމަތީގައިވާ ތަކެތި ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދުތަކެކެވެ.
އެގޮތުން، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން މީހުން ފެނޭތޯ މަސައްކަތް ކޮށްފައިވާ ކަމަށާއި، ދޯނި އަޑިއަށް ދިއުމާ ގުޅިގެން ކަނޑުމަތިން އޮޔާ ދިޔަ ގޯންޏާއި އެ ނޫން ވެސް ތަކެތި ޔޫއޭވީގެ ސެންސަރުތަކުން ދެނެގަނެވިފައިވާ ކަމަށް ސިފައިން ވަނީ ހާމަކޮށްފައެވެ. ސިފައިންނާއި ފުލުހުން ގުޅިގެން އެ މީހުން ހޯދުމުގެ އޮޕަރޭޝަން އަދިވެސް ދަނީ ވަރަށް ބާރަށް ކުރިއަށެވެ.



