ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށް ވެސް ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ، އެ ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި ކަސްޓަމަރުންނަށް ދޭ ހިދުމަތްތައް ފަސޭހަކޮށް ހަލުވި ކުރުމަށް އަމާޒުކޮށްގެން ގެނައި ބަދަލެއް ކަމަށެވެ.

ހިންގުމުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތެރެއިން ސީނިއަ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. އެގޮތުން އައިޝަތު ޒަމްރާ ޒާހިރު ވަނީ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން އޭނާ ހުންނެވީ ޗީފް މާކެޓިން އޮފިސަރުގެ މަގާމުގަ އެވެ.

މީގެ އިތުރުން ކުރިން ޗީފް ބިޒްނަސް އޮފިސަރުގެ މަގާމުގައި ހުންނެވި މޫސާ ނިމާލް ވަނީ ޗީފް މާކެޓިން އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އަދި ކުރިން ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމުގައި ހުންނެވި ރަޝްފާ ޖައުފަރު ވަނީ ޗީފް ރިސްކް އޮފިސަރުގެ މަގާމަށް ގެނެސް އަދި އެ މަގާމުގައި ކުރިން ހުންނެވި ގެރީ ލޯޓަން ވަނީ ޗީފް ކްރެޑިޓް އޮފިސަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ބީއެމްއެލް އިން ބުނީ އެ ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ. އަދި އެއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނައި ބަދަލުތަކަކަށް ވާތީ ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.