އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ހާދިސާތައް ހިނގައި، ބަޔަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. މަރުވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ.
އަދި މި ހާދިސާތަކުގައި 13 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
މި ވިއްސާރައިގެ ސަބަބުން ކެރެލާގެ އެކި ސަރަހައްދުތަކުން 27 ގެއެއް މުޅިން ސުންނާފަތިވެފައިވާއިރު، 196 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ހާލުގައި ޖެހުނު 5,792 މީހުން މިހާރު ވަނީ ރައްކާތެރި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 209 ރިލީފް ކޭމްޕަށް ބަދަލުކޮށްފައެވެ.
އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ކެރެލާގެ 12 ޑިސްޓްރިކްޓަކަށް 'އޮރެންޖް އެލާޓް' ނެރެފައެވެ. އަދި ތިރުވަނަންތަޕޫރަމް އާއި ކޮއްލަމް ޑިސްޓްރިކްޓަށް 'ޔެލޯ އެލާޓް' ވަނީ ނެރެފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބޯކޮށް ވާރޭވެހި، ގަޑިއަކު 40 އާއި 50 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭތީ، މަސްވެރިން ކަނޑުދަތުރުފަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ވިއްސާރައިގެ ސަބަބުން ކެރެލާގެ ބައެއް ސަރަހައްދުތަކުގެ ސްކޫލްތޔައް ބަންދުކޮށްފައިވާއިރު، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް ގެ ޓީމުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ކުދި ބޯޓުފަހަރު ބޭނުންކުރަން ޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.


