އީރާނާއެކު އަވަސް އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދުގައި، އެ ގައުމަށް ދޭން ރާވާފައިވާ ވަރުގަދަ އަސްކަރީ ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހޯމްޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމާއި، އީރާނުގެ ނިއުކްލިއާ ބިރުވެރިކަން ނިމުމަކަށް ގެނައުން ހިމެނެ އެވެ. މި ނިންމުމަކީ އިޒްރޭލާ ވެސް މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި ހަމަލާތައް މަޑުޖައްސާލީ އީރާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކުން އެދިގެން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްބަސްވުމެއްގެ މައިގަނޑު އަސާސްތަކަށް މިހާރު ވަނީ އެއްބަސްވެވިފަ އެވެ. ނަމަވެސް، މިކަމާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހަމަލާތައް ދޭން ރާވާފައިވަނީ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށްގެންނެވެ. އެމެރިކާގެ ރިޕޯޓްތައް ބުނާގޮތުގައި، މިއީ މިހާތަނަށް ދޭން ރޭވި އެންމެ ވަރުގަދަ ބޮމުގެ ހަމަލާތަކެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާ ސަރުކާރުން ވަނީ މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ސަމާލުވެ، ކުއްލި ހާލަތެއްގައި އެ ގައުމުތަކުން ފުރަން ތައްޔާރުވެ ތިބުމަށް އަންގާފަ އެވެ.

އެމެރިކާ އިން އީރާނުގެ ބަނދަރުތައް ބަންދުކޮށްފައިވާއިރު، އީރާނުން ދަނީ ހޯމްޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.