މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭނުންކުރުން ހުއްޓާލާފައިވާ އަދި ހަލާކުވެފައިވާ ބައެއް ބަސްތައް ނީލަން ކިޔުމަށް އެ ކުންފުނިން އިއުލާނުކޮށްފި އެވެ.
މި ނީލަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.
މި ފަހަރު ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ޖުމްލަ 9 ބަހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯލްވޯ ބްރޭންޑުގެ ދެ ބަހާއި، މޭން ބްރޭންޑުގެ ދެ ބަހުގެ އިތުރުން އަޝޯކް ލޭލެންޑްގެ ފަސް ބަހެވެ. ނީލަން ފެށޭ އަގެއްގެ ގޮތުގައި ހުރިހާ ބަހަކަށްވެސް ކަނޑައަޅާފައިވަނީ 25,000 ރުފިޔާ އެވެ. އަދި އަގު އިތުރުކުރާނަމަ މަދުވެގެން 10,000 ރުފިޔާ އިތުރުކުރަންޖެހޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ.
ނީލަމުގައި ބައިވެރިވެ އަގު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ސިޓީ ފޮނުވަން ޖެހެނީ ހެންވޭރުގައި ހުންނަ އެ ކުންފުނީގެ ޓްރޭޑިން ޑިވިޝަން، ހެންވޭރު ސޯމިލް އަށެވެ. ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 10,000 ރުފިޔާ އެމްޓީސީސީގެ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭނެ އެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، ކޮންމެ ދުވަހަކުވެސް ހުށަހަޅާފައިވާ އެންމެ މަތީ އަގު، މެންދުރު 12:00 ގެ ފަހުން ޓްރޭޑިން ޑިވިޝަންގެ ނޯޓިސް ބޯޑުން ފެންނަން ހުންނާނެ އެވެ. ނީލަން ކާމިޔާބުވާ ފަރާތް ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލަކީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެ ނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމުން ކަމަށް އެމްޓީސީސީން ބުނެ އެވެ.



