ޕްރިމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ކޮވެންޓްރީ ސިޓީގެ މައްޗަށް 3-0 ގެ ފަސޭހަ މޮޅެއް ހޯދައި، އާސެނަލުން ލީގު ތަށި ދިފާއުކުރުމުގެ މަސައްކަތް އެމިރޭޓްސް ސްޓޭޑިއަމްގައި ވަރުގަދަ އަޒުމަކާއެކު ފަށައިފިއެވެ.
މި ސީޒަނުގެ ލީގު ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމުގެ ގޮތުގައި އޮތް މިކޭލް އާޓެޓާގެ ޓީމުން ވަނީ މެޗުގެ ފުރަތަމަ 23 މިނެޓުގެ ތެރޭގައި ކައި ހާވާޓްޒް އަދި ބުކާޔޯ ސަކާ ޖަހައިދިން ލަނޑުތަކާއެކު، އެ ޓީމުގެ ފެންވަރު ސާބިތުކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ވަނީ ތިންވަނަ ލަނޑެއް ޖަހައި، އާސެނަލްގެ ކުރިލިބުން އިތުރަށް ފުޅާކޮށްދީފައެވެ.
މި ނަތީޖާއާއެކު އާޓެޓާ ވެފައިވަނީ ޕްރިމިއާ ލީގުގައި އޭނާ އިރުޝާދުދިން 249 މެޗުގެ ތެރެއިން 150 މެޗުން މޮޅުވި ކޯޗަށެވެ. މިއަދަދަށް މެޗުތަކުން މޮޅުވުމުގެ ޝަރަފު އާޓެޓާއަށްވުރެ މަދު މެޗުތަކަކުން ހޯދާފައިވަނީ ޕެޕް ގާޑިއޯލާ، ހޯސޭ މޮރީނިއޯ، ޔާގެން ކްލޮޕް އަދި ސާ އެލެކްސް ފާގަސަން އެކަންޏެވެ.
ވޭތުވެދިޔަ 22 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި ލީގު ކާމިޔާބުކުރުމަށްފަހު، އާސެނަލުން މިހާރު އަމާޒު ހިފާފައިވަނީ 1932 އާއި 1935 އާ ދެމެދު ޖެހިޖެހިގެން ތިން ފަހަރު ލީގު ކާމިޔާބުކުރި ފަހުން، ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ދެ އަހަރު އިނގިރޭސި ޗެމްޕިއަންކަން ހޯދުމަށެވެ.
ޕްރިމިއާ ލީގުގައި 25 އަހަރަށްފަހު ކޮވެންޓްރީ ކުޅުނު ފުރަތަމަ މެޗު ނިމިގެންދިޔައީ އެ ޓީމަށް މާ އެދެވޭ ގޮތަކަށް ނޫނެވެ.





