ދިވެހިރާއްޖޭގެ އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލިސް ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ ގުޅޭގޮތުންނާއި،ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ވަނީ ގިނަ ނިންމުންތަކެއް ނިންމައިފައެވެ.


ދުންފަތާއި ނިކޮޓިންގެ ނުރައްކަލާ މެދު އާންމުން ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މި ކަންކަމާ ގުޅޭ ސަބް-ކޮމިޓީން ހިއްސާކުރި މައުލޫމާތަށް ރިއާޔަތްކޮށް، ސްކޫލް ނިޒާމުގެ ތެރެއިން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމުގެ މަސައްކަތް ފެށުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

މި މަސައްކަތްތައް ކޯޑިނޭޓްކުރާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ. އަދި އަމަލީ ގޮތުން މިކަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާއިންނެވެ. މީގެ އިތުރުން، މި ކެމްޕޭން ވިލަރެސްކުރެވޭނެ ނިޒާމެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފައެވެ.

ރަށްރަށުގައި ތިބޭ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ބައިވެރިވުމާއެކު މި ގައުމީ ކެމްޕޭން ފުޅާކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ. މީގެ ތެރެއިން އެންމެ މުހިންމު އެއް އަމާޒަކީ، އެއްވެސް ގައުމީ ޓީމެއްގައި ބައިވެރިވެވޭނީ ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމެވެ. މި ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ހާއްސަ އަމާޒުތަކެއް ކަނޑައެޅުމަށް ވެސް ވަނީ ނިންމައިފައެވެ.