ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 އިން ކުރިހޯދައި، އޮޑި ސްޕޯޓްސް ކްލަބުން ކަޕް ވިނާސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ. 


އޮޑިން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން މޮޅުވީ ކޮންމެ ހާފެއްގައި ލަނޑެއް ޖަހައިގެންނެވެ. މި މެޗުގައި އޮޑީގެ ދެ ގޯލު ވެސް ޖެހީ އެ ޓީމުގެ ޒުވާން ފޯވާޑް، މުޒްދާން ހަސަން އެވެ. އެ ގޮތުން، މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި މުޒްދާން ވަނީ އޮޑި އަށް ލީޑެއް ނަގައިދީފަ އެވެ. މިއީ، އޮޑީގެ ކުރިއަށް ކުޅެމުންދިޔަ އަހުމަދު ނިޒާމް (ނިޒާމްބެ) ދިން ބޯޅައަކުން، އެ ޓީމުގެ ހައިޝަމް ރަޝީދު (ހައި)، އޭރިއާބޭރުން ފޮނުވާލި ޝޮޓް، ބުރުގެ ކީޕަރު، ހަސަން އަލީފް އިބްރާހިމް އަތުގައި ޖެހިފައި ނުކުތް ވަގުތު މުޒްދާން ޖެހި ގޯލެކެވެ. 

އެއް ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި އޮޑިން މެޗުގައި ޖެހި ދެ ވަނަ ގޯލު ކާމިޔާބުކުރީ، ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގަ އެވެ. މިއީ، އޮޑިގެ ފުލްބެކް، އަހުމަދު އައިހަމް (އައިހު) ނަގައިދިން ހުރަހަކުން މުޒްދާން ބޮލުން ޖެހި ގޯލެކެވެ.

މިއީ، މި ސީޒަނަށް އޮޑިގެ ކޯޗަކަށް ގެނައި، ޕޯޗުގަލްގެ ރުއީ ގްރެގޯރިއޯ އެ ޓީމާ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. ސީޒަނުގައި އޮޑިން އާ ކޯޗާ އެކު ކުރިމަތިލި ފުރަތަމަ މެޗުން ވަނީ މޮޅުވެފަ އެވެ.

ކަޕް ވިނާސް ކަޕްގައި ބާކީ އޮތީ ދެ މެޗެވެ. އެއީ، މާދަމާ ރޭ ނިއު އާއި މާޒިޔާ އިން ކުޅޭ ލީގު ބުރުގެ ފަހު މެޗާއި ހަމަ އެ ދެ ޓީމުން އަންނަ ބުދަ ދުވަހުގެރޭ ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗެވެ. އެ ދެ މެޗުގެ ޝެޑިއުލަށް ބަދަލު ގެނެސްފައިވަނީ، އޭއެފްސީ ޗެލެންޖް ލީގުގައި މާޒިޔާ ކުޅުނު މެޗުގެ ޝެޑިއުލަށް ބަދަލެއް އައުމާ ގުޅިގެންނެވެ.