ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.
މި ބިނާ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިއަހަރުގެ ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އުތީމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިރަސްމިއްޔާތުގައި ޤައުމީ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދަޢުވަތުއެރުވިގެން ވަޑައިގެންނެވި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރިވެފައެވެ. މި ބިނާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ބިނާ ބައްލަވާލައްވާފައެވެ.
"ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާށި" އަކީ ޕޯޗުގީޒުންގެ އަޅުވެތިކަމާއި އިސްތިޢުމާރީން މި ދިވެހި ޤައުމު ސަލާމަތްކޮށްދެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމް މަޝްހޫރު ނަމުންނަމަ ބޮޑުތަކުފާނު އިސްވެ ހުންނަވާ ކުރެއްވި ތާރީޚީ ޖިހާދު ރަމްޒުކޮށްދޭގޮތަށް އަދި އެ ހަނދާންތައް އައުކޮށްދޭނެ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޚާއްސަ ބިނާއެކެވެ. މި ބިނާގައި މައިގަނޑު 6 ތަނބެއް ހިމެނެއެވެ. މި ތަނބުތައް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގަދީމީ މިސްކިތްތަކުގެ އާކިޓެކްޗަރަށް ނިސްބަތްވާގޮތަށެވެ.
މިއިން ކޮންމެ ތަނބަކުން ރަމްޒުކޮށްދެނީ ޕޯޗުގީޒުންނާ ދެކޮޅަށް ދިވެހިންގެ މިނިވަންކަމަށްޓަކާ ކަޅުއޮއްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންގެ ތެރެއިން ބޭފުޅެކެވެ. އެއީ މުޙައްމަދު ތަކުރުފާނާއި، ބޭބެ އަލިތަކުރުފާނާއި، ކޮއްކޮ ޙަސަން ތަކުރުފާނާއި، ދުވާފަރު ދަންޑަހެލާއި، ތިމަރަފުށީ ޢަލީ ހާޖީއާއި ޙަސަން ހާޖީއެވެ.
މި ބިނާގެ މަތީބައިގައިވާ 6 ފާނޫޒުން ރޭގަނޑު އަލިކޮށްދޭއިރު، މިއީ މުޅި ޤައުމަށް އުންމީދާއި އަލިކަން އަލުން ލިބިގެންދިޔަކަން ރަމްޒުކޮށްދޭ ނިޝާނެކެވެ. ބިނާގެ މަތީބައިގައި ދިވެހި މިސްކިތްތަކުގެ ދޮރުތަކުގެ މަތީގައި ފެންނަން ހުންނަ ގަލުވަޑާމުގެ ނަކަލެއް ހިމަނާފައިވާއިރު، މިއިން ރަމްޒުކޮށްދެނީ ދިވެހީންގެ އެވޭލާ ތަރިކައާއި ދިވެހީންގެ ސަގާފަތާއި ޙަޟާރަތުގެ ފުރިހަމަކަމެވެ.
ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވީ، މި ބިނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްކަމުގައިވާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ދެމެހެއްޓުމާއި، ތަރިކައިން އަމްދަނީ ހޯދުމުގެ މަޝްރޫޢުގެ ޢަމަލީ ފެށުން ކަމަށެވެ. އުތީމަކީ ޤައުމީ ތަރިކައިގެ މުހިންމު މަންޒިލެއްކަމުގައި ކަނޑައަޅައި، ތާރީޚީ ތަންތަން ރައްކާތެރިކުރުމުގެ މަސައްކަތްފުޅާކޮށް، އެތަންތަން ދިރިހުރި ސަގާފީ ތަރިކަތަކަކަށް ހެދުމަކީ ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރެކެވެ.
މިފަދަ ތަރިކައިގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، ރަށުގެ އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ގެސްޓްހައުސްތަކާއި ކެފޭ ރެސްޓޯރެންޓްތަކާއި، ޓުއަރ ގައިޑުންގެ ޚިދުމަތާއި، ދަތުރުފަތުރުގެ އިތުރުން އަތްތެރި މަސައްކަތްތަކަށް އޮންނަ ތަރުހީބު އިތުރުވެ، ރަށުގެ އާންމު ޚިދުމަތްތަކާއި މައިޒާންތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.



