ބޮލުން އިސްތަށި ފޭބުމުގެ މައްސަލައަކީ ހަމައެކަނި އުމުރުން ދުވަސްވުމުން ކުރިމަތިވާ ކަމެއް ނޫނެވެ. ނިތްކުރިމަތިންނާއި ބޮލުގެ މެދުން އިސްތަށި ފޭބުން ނުވަތަ ތަލަވުން ޒުވާން އުމުރުގައި ވެސް ފެށެއެވެ. އޭގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ހާސްކަން އިތުރުކުރުވައެވެ. އަދި ލޯގަނޑު ކުރިމަތީގައި ހުރެ އިސްތަށިގަނޑު ތުނިވަމުންދާކަން ފާހަގަވުމަކީ ގިނަ ފިރިހެނުންނަށް ކުރިމަތިވާ ވަރަށް އާންމު އަދި އެހާމެ ކަންބޮޑުވާ ކަމެކެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ގިނަ ފަހަރަށް މީހުންނަށް މިކަން ފާހަގަވަނީ އިސްތަށިގަނޑުގެ ބޮޑު ބައެއް ހުސްވާ ފަހުންނެވެ.
މިގޮތަށް އިސްތަށި ފޭބުމަށް ސައިންސުގެ ބަހުން ކިޔަނީ އެންޑްރޮޖެނެޓިކް އެލޮޕީޝިއާ ނުވަތަ މޭލް ޕެޓާން ބޯލްޑްނެސްއެވެ. މިއީ ފިރިހެނުންގެ އިސްތަށި ފޭބުމަށް މެދުވެރިވާ އެންމެ އާންމު ސަބަބެވެ. އުމުރުން ދުވަސްވުމުގެ އިތުރުން، ވާރުތަވުމާއި އެންޑްރޮޖެންސް ކިޔާ ސެކްސް ހޯމޯންތަކަކީ މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކަންކަމެވެ.
މީގެ ތެރެއިން ވެސް އެންމެ މުހިންމު ހޯމޯން ކަމަށްވާ ޑައިހައިޑްރޮކްސީޓެސްޓޮސްޓެރޯން (ޑީއެޗްޓީ) އުފެދެނީ ޓެސްޓޮސްޓެރޯން ހޯމޯން ބަދަލުވެގެންނެވެ. އާންމު ގޮތެއްގައި އިސްތަށީގެ ދިގުވުމުގެ ސައިކަލްގައި ހިމެނެނީ އެނަޖެން (ދިގުވާ މަރުހަލާ)، ކެޓަޖެން (ބަދަލުވާ މަރުހަލާ) އަދި ޓެލޮޖެން (އަރާމުކުރާ މަރުހަލާ) އެވެ. ނަމަވެސް ހަށިގަނޑުގައި ޑީއެޗްޓީ ގިނަވުމުން އިސްތަށީގެ ބުޑުތައް ހިމަވެ، އެނަޖެން މަރުހަލާ ކުރުކޮށްލައެވެ. މީގެ ސަބަބުން އާ އިސްތަށިތައް ފަޅާއިރު ހުންނަނީ ވަރަށް ތުނިކޮށް، އަދި އަވަހަށް ފައިބައިގެންދާ ގޮތަށެވެ.
އިސްތަށި ފޭބުމަކީ ގިނަ ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކުރުވާ ކަމަކަށް ވިޔަސް، މިކަމަށް ފަރުވާ ހޯދުމުގައި ކެތްތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ އިސްތަށި ފައިބަން ފަށާކަން ފާހަގަވާ ހިސާބުން ލަސްނުކޮށް ހަމުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. އިންޓަނެޓުން ފެންނަހާ ފަރުވާއެއް އަމިއްލައަށް ބޭނުންކުރުމުގެ ބަދަލުގައި، ސިއްހީ މާހިރުންގެ އިރުޝާދުގެ މަތިން ރައްކާތެރި ފަރުވާއެއް އިހުތިޔާރުކުރުން މުހިންމެވެ. މިހާރު ތަހުލީލުކުރަމުންދާ އާ ފަރުވާތަކުގެ ނަތީޖާތައް އަންނަ އަހަރުގެ ތެރޭގައި އެފްޑީއޭއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާއިރު، އެ ހުއްދަތައް ލިބުމުން މި މައްސަލައަށް އިތުރު ފަސޭހަ އަދި ރައްކާތެރި ހައްލުތަކެއް ލިބިގެންދާނެއެވެ.


