ކޮލަމްބިއާގެ ހުޅަނގު ސަރަހައްދަށް ރެކްޓަ މިންގަނޑުން 7.4 ގެ ބާރުމިނުގައި ބިންހެލުމެއް އައިސް، މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ ގަޑިން ހެނދުނު 7:34 (ޖީއެމްޓީން 12:34) ގަ އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީސީ) އިން ބުނި ގޮތުގައި މި ބިންހެލުން އައީ ބިމުގެ 107 ކިލޯމީޓަރު އަޑިއަށެވެ. ބިންހެލުމުގެ މަރުކަޒު ހުރީ ކޮލަމްބިއާގެ ޗޮކޯ ޑިޕާޓްމަންޓްގެ ސަން ހޯސޭ ޑެލް ޕަލްމާރު ކައިރީގަ އެވެ. ނަމަވެސް، ކޮލަމްބިއާގެ ޖިއޮލޮޖިކަލް ސާވިސްއިން ބުނާގޮތުގައި މި ބިންހެލުމުގެ ބާރުމިން ހުރީ 6.6 ގަ އެވެ.
ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު، 69 އަށް އަރާ ކަމަށް މިހާތަނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ޗޮކޯ ސަރަހައްދުގެ ގަވަރުނަރު ނޫބިއާ ކެރޮލީނާ ކޯޑޮބާ ވިދާޅުވި ގޮތުގައި އެ ސަރަހައްދުގެ ވެރިރަށް ކުއިބްޑޯގެ ގިނަ އިމާރާތްތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
ކޮލަމްބިއާގައި ކޮފީ ހެއްދުމަށް މަޝްހޫރު މަނިޒާލެސްއިން 40 މީހަކު މަރުވެ އިމާރާތެއް ވެއްޓި އަދި ފައްޅިއަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. އަދި ވެރިރަށް ބޮގޯޓާ އަށް ވެސް ބިންހެލުމުގެ ލޮޅުން ވަރަށް ބޮޑަށް އިހުސާސްކުރެވި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ އަދަދެއްގެ މީހުން ވަނީ އިމާރާތްތަކުން ބޭރަށް ނެރެ ފައެވެ.
ކޮލަމްބިއާގެ އޭވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި ޕެރެއިރާ، މަނިޒާލެސް، އަދި ބުއެނަވެންޗުރާ ހިމެނޭ ގޮތަށް ސަރަހައްދީ ހަ އެއާޕޯޓެއްގެ އިމާރާތްތަކަށް ގެއްލުންވުމުގެ ސަބަބުން ދަތުރުތަކަށް ވަނީ ބުރޫއަރައިފަ އެވެ.
މި ބިންހެލުމުގެ ބާރުގަދަކަމުން ކޮލަމްބިއާގެ އިތުރުން އިކުއެޑޯ، ޕެނަމާ އަދި ވެނެޒުއޭލާއަށް ވެސް ބިންހެލުމުގެ ލޮޅުންތައް ވަނީ އަރައިފަ އެވެ. ނަމަވެސް، އެމެރިކާގެ ސުނާމީ ވޯނިން ސިސްޓަމުން ކަށަވަރުކޮށްދޭ ގޮތުގައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ އެއްވެސް ނުރައްކަލެއް ނެތެވެ.





