އޮސްޓްރޭލިއާގައި ދުނިޔޭގެ ފުރަތަމަ 'ޕްރައިމަރީ ސްކޭންޑިއަމް' މައިން ނުވަތަ މަޢުދަން ނަގާ ބިމެއް ތަރައްޤީކުރުމަށްޓަކައި، އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން 400 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ. މި ނިންމުމަކީ ދިފާޢީ އުފެއްދުންތަކަށް ބޭނުންވާ މުހިންމު މަޢުދަނެއް ކަމަށްވާ ސްކޭންޑިއަމްގެ ބާޒާރުގައި ޗައިނާއިން އޮތް ބާރު ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މައިނިންގ ދާއިރާގެ އިސްވެރިން ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމަކަށްފަހު، ޕެންޓަގަންއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްރޫޢުގެ ސަބަބުން ހުޅަނގުގެ ޤައުމުތަކަށް ބޭނުންވާ މަޢުދަންތައް، މަޢުދަން ނެގުމުން ފެށިގެން އުފެއްދުންތަކާ ހަމައަށް ރައްކާތެރިކަމާއެކު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ސްކޭންޑިއަމްއަކީ ދިފާޢީ ސިނާޢަތާއި، މަތިންދާބޯޓު އުފެއްދުމާއި، ޑޭޓާ ސެންޓަރުތަކުގެ އިތުރުން 5G އަދި 6G ޓެކްނޮލޮޖީއަށް ކޮންމެހެން ބޭނުންވާ މުހިންމު ރެއާ އާތު މަޢުދަނެކެވެ. މި މަޢުދަނަކީ އެލުމިނިއަމް ވަރުގަދަކުރުމަށާއި، ހޫނާއި ދަބަރަށް ކެތްކުރުމުގެ ބާރު އިތުރުކޮށްދޭ މުހިންމު އެއްޗެކެވެ. މިހާތަނަށް މި މަޢުދަން އާންމުކޮށް ނަގަނީ އެހެން މަޢުދަންތައް ނެގުމުގެ ތެރޭގައި އިތުރު ބައި-ޕްރޮޑަކްޓެއްގެ ގޮތުގައެވެ.
އޮސްޓްރޭލިއާގެ މައިނިންގ ކުންފުންޏެއް ކަމަށްވާ 'ސަންރައިޒް އެނަޖީ މެޓަލްސް' އިން ބުނިގޮތުގައި، ނިއު ސައުތު ވޭލްސްގެ ފިފީލްޑްގައި ތަރައްޤީކުރާ މި މައިން ވެގެންދާނީ ހުޅަނގުގެ ޤައުމުތަކަށް ސްކޭންޑިއަމް ފޯރުކޮށްދޭ މައި މަރުކަޒަށެވެ. ނިއު ސައުތު ވޭލްސްއަކީ ދުނިޔޭގައި އެންމެ ގިނައިން ސްކޭންޑިއަމް ހުރި އެއް ސަރަހައްދެވެ.
ޗައިނާއިން މިދިޔަ އަހަރު ވަނީ ދިފާޢީ އުފެއްދުންތަކަށް ބޭނުންވާ މިފަދަ މަޢުދަންތައް އެކްސްޕޯޓްކުރުން ކޮންޓްރޯލްކޮށްފައެވެ. މިއާއެކު އެމެރިކާއިން ވަނީ ޗައިނާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި އައު މަގުތައް ހޯދަން ފަށާފައެވެ. މީގެ އިތުރުން، އެމެރިކާގެ ޤައުމީ ސަލާމަތާއި ސިނާޢީ ކުރިއެރުމަށްޓަކައި، އެކި ބާވަތުގެ މަޢުދަންތަކާއި ބެޓެރި މަޝްރޫޢުތަކަށް 3 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ އިޢުލާން ކުރައްވާފައެވެ.
ސަންރައިޒް ކުންފުނިން މިހާރުވެސް ވަނީ އެމެރިކާގެ ލޮކްހީޑް މާޓިން ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން، މައިން އޮޕަރޭޓްކުރަން ފަށާ ފުރަތަމަ ފަސް އަހަރުގެ ތެރޭގައި އުފައްދާ ސްކޭންޑިއަމްގެ 25 އިންސައްތަ ވިއްކާނީ އެ ކުންފުންޏަށެވެ.





