ބްރެޒިލްގެ މަޝްހޫރު ރިއޯ ޑި ޖެނީރޯގެ ޓިޖޫކާ ނޭޝަނަލް ޕާކުގެ ފަރުބަދަމަތީ ސަރަހައްދަކަށް ހެލިކޮޕްޓަރެއް ވެއްޓި، އޭގައި ދަތުރުކުރި ހަތަރު މީހުން މަރުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި މަރުވެފައިވަނީ ހެލިކޮޕްޓަރުގެ ޕައިލެޓާއި، ކޮލަމްބިއާއަށް ނިސްބަތްވާ އެއް އާއިލާއެއްގެ ތިން އަންހެނުންނެވެ. މިކަން ކޮލަމްބިއާއިން ބްރެޒިލްއަށް ކަނޑައަޅާފައި ހުންނަވާ ކޮންސުލް ޖެނެރަލް ޑަޔާނާ ޕައޭޒް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މަރުވި ތިން ފަތުރުވެރިންނަކީ އުމުރުން 15 އަހަރުގެ އަންހެން ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމަށް ރިއޯއަށް ދަތުރުކުރި ހަ މީހުންގެ ގްރޫޕެއްގައި ހިމެނޭ ބައެކެވެ. ހެލިކޮޕްޓަރުގައި އެއްފަހަރާ އުދުހެވެނީ ތިން މީހުންނަށް ކަމަށްވާތީ، އާއިލާގެ މީހުން ދެބަޔަކަށް ބެހިގެން ދަތުރުކުރަނިކޮށް ހިނގި މި ހާދިސާގައި މަރުވީ އެ ކުއްޖާގެ މާމައާއި، ބޮޑުދައިތައާއި، ދެބެންގެ ދެދަރި ކުއްޖެކެވެ.

މި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ޓިޖޫކާ ނޭޝަނަލް ޕާކުގެ "ވިސްޓާ ޗިނޭސާ" ކައިރީގައި އޮންނަ ވަރަށް ބޮޑަށް ޖަންގަލި ހެދިފައިވާ ފަރުބަދަމަތީ ސަރަހައްދަކަށެވެ. މިއީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

މި ހާދިސާއާ ގުޅިގެން ރިއޯ ޑި ޖެނީރޯގެ މޭޔަރު އެޑުއާޑޯ ކަވަލިއޭ ވަނީ ހިތާމަ ފާޅުކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މިފަދަ އުދުހުންތަކުގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ބްރެޒިލްގެ ނޭޝަނަލް ސިވިލް އޭވިއޭޝަން އެޖެންސީ އާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މޭޔަރު ވަނީ ސަލާމަތީ އައު ފިޔަވަޅުތައް އެޅެންދެން ހަފްތާއަކަށް ނުވަތަ ދެ ހަފްތާއަށް މިފަދަ އުދުހުންތައް މެދުކަނޑާލުމަށް ލަފާދެއްވާފައެވެ.

ރިއޯގެ ރީތި މަންޒަރުތައް މަތިން ބަލާލުމަށް ހެލިކޮޕްޓަރު ބޭނުންކުރުމަކީ ފަތުރުވެރިންގެ މެދުގައި ވަރަށް އާންމު ކަމަކަށް ވީނަމަވެސް، މިފަދަ ހާދިސާތައް އިތުރުވަމުންދާތީ ސަލާމަތީ ކަންކަމާމެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހުވެސް ރިއޯގެ ސަރަހައްދެއްގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި ހާދިސާއެއްގައި ހަ މީހަކު ވަނީ މަރުވެފައެވެ.