ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ ގިނަ ދުވަސްވީ ބައިވެރިޔާ، މޮޑެލް އަދި އިންފްލުއެންސަރ ޖޯޖީނާ ރޮޑްރިގޭޒްއާ ޕޯޗުގަލްގައި ބޭއްވި ސިވިލް ރަސްމިއްޔާތެއްގައި ކައިވެނިކޮށްފިއެވެ.

ޕޯޗުގަލްގެ މި ކާމިޔާބު ފޯވާޑް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ، ކައިވެނީގެ އަނގޮޓި އަޅައިގެން ތިބި ދެމަފިރިންގެ އަތެވެ.

މި ދެމަފިރިން އެކުގައި އުޅޭތާ މިހާރު 10 އަހަރު ވެފައިވާއިރު، އެ ދެމީހުން ފުރަތަމަ ބައްދަލުވީ މެޑްރިޑްގެ ގޫޗީ ފިހާރައެއްގައި ރޮޑްރިގޭޒް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ދުވަސްވަރު އޭނާ ކުޅެމުންދިޔައީ ސްޕެއިންގެ މަޝްހޫރު ކްލަބް ރިއަލް މެޑްރިޑަށެވެ.

މި ދެމީހުން އެންގޭޖްވިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ.

އެންގޭޖްމަންޓް އިއުލާން ކުރަމުން ރޮޑްރިގޭޒް ވަނީ ބޮޑު އަނގޮޓިއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އޭނާގެ މާދަރީ ބަސް ކަމަށްވާ ސްޕެނިޝް ބަހުން އެ ފޮޓޯއާއެކު ލިޔެފައިވަނީ، "އާނއެކޭ، މި ދިރިއުޅުމުގައާއި އަދި ކުރިއަށް އޮތް ހުރިހާ ހަޔާތެއްގައިވެސް" އޭނާއާއެކު ވުމަށް އެއްބަސްވާ ކަމަށެވެ.

ޕޯޗުގަލްގެ އިތުރުން ލިޒްބަންގެ ސްޕޯޓިންގް، މެންޗެސްޓަރ ޔުނައިޓެޑް، ރިއަލް މެޑްރިޑް، ޔުވެންޓަސް އަދި ސައުދީ އަރަބިއްޔާގެ އަލް ނަސްރު ފަދަ މަޝްހޫރު ކްލަބްތަކަށް ކުޅެދީފައިވާ ރޮނާލްޑޯ ވަނީ އޭނާގެ ކާމިޔާބު ފުޓްބޯޅަ ކެރިއަރުގައި މިހާތަނަށް ގާތްގަނޑަކަށް 1،000 ލަނޑު ޖަހައިފައެވެ.