ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވުމާ ގުޅިގެން، މެސީ އޭނާގެ ފްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފިއެވެ.

ފްރާންސްގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ "ފުޓް މާކާޓޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަށް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ އޭނާގެ ކްލަބްގެ ޒިންމާތަކުން އެއްފަރާތްވީ މި ދަތި ދަނޑިވަޅުގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ގައި އިންޓަ މިއާމީއަށް ކުޅެމުންދާ މެސީ އެނބުރި ދަނޑަށް ނިކުންނާނެ ވަކި ތާރީޚެއް މިހާތަނަށް ކަނޑައަޅާފައެއް ނުވެއެވެ. އޭނާ 2023 ވަނަ އަހަރު އެމެރިކާގެ ކްލަބާ ގުޅުމަށްފަހު، ކުރު މުއްދަތެއްގެ ތެރޭގައި އެ ޓީމަކީ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދާ ފެންވަރުގެ ޓީމަކަށް ވަނީ ބަދަލުކޮށްދީފައެވެ.

މެސީގެ ބައްޕަ ޖޯޖް މެސީއަކީ މެސީގެ ފުޓްބޯޅަ ކެރިއަރު ފެށުނީއްސުރެ އޭނާގެ އެންމެ އިސް އެޑްވައިޒަރު އަދި އޭޖެންޓެވެ.

ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ބޭއްވުނު ބޮޑެތި މުބާރާތްތަކާއި ކޮންޓްރެކްޓްތަކުގެ މަޝްވަރާތަކުގައި ޖޯޖް މެސީ ވަނީ މެސީއާއެކު މަރުދުވަހާ ހަމައަށް ވެސް ސާބިތުވެ ހުރެފައެވެ. އެންމެ ފަހުން އެމެރިކާގައި މި ފަހުން ބޭއްވުނު ފީފާ ވޯލްޑް ކަޕްގެ ތެރޭގައި ވެސް ބައްޕަގެ ސިއްހީ ހާލަތާ މެދު އާއިލާއިން ކުރަމުންދިޔަ ކަންބޮޑުވުންތަކުގެ އަސަރު މެސީއަށް ވަރަށް ބޮޑަށް ކުރިއެވެ.

ބައްޕަ ނިޔާވި ޚަބަރު ލިބުމާއެކު މެސީ ވަނީ ވަގުތުން އެމެރިކާ ދޫކޮށް އާޖެންޓީނާއަށް ގޮސްފައެވެ. ޖޯޖް މެސީގެ ޖަނާޒާގެ ކަންތައްތައް ރޮސާރިއޯގައި ކުރިއަށްދިޔައީ އާއިލާގެ މެންބަރުންނާއެކު ވަރަށް އެކަހެރިކޮށެވެ. މިވަގުތު މެސީ ހުރީ އޭނާގެ މަންމަ، އެއްބަނޑު އެއްބަފާ މީހުން، އަންހެނުން އަދި ދަރިންނާއެކުގައެވެ. މެސީއަށް ތައުޒިޔާ ކިޔުމަށްޓަކައި އާޖެންޓީނާގެ ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ލެއަންޑްރޯ ޕެރެޑޭސް، އެންހެލް ޑި މާރިއާ އަދި ނިކޮލަސް އޮޓަމެންޑީ ހިމެނެއެވެ.

އާޖެންޓީނާގެ މީޑިއާތަކުން މިހާރު ދަނީ މެސީ ފުޓްބޯޅައިން ދާއިމީކޮށް ރިޓަޔާކޮށްފާނެ ކަމަށް ބުނެ ވާހަކަދައްކަމުންނެވެ. ނަމަވެސް، ކުޅުން މުޅިން ހުއްޓާލުމާ ބެހޭގޮތުން މެސީ މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

މެސީ މިހާރު ހުރީ އޭނާގެ ކެރިއަރުގެ އެންމެ ނާޒުކު ފައްތަރުގައެވެ. އޭނާ އެމެރިކާގެ ކްލަބަށް އެނބުރި ދާނީތޯ ނުވަތަ ފުޓްބޯޅައާ ދާއިމީކޮށް ވަކިވާނީތޯ ނިންމުމަށް އޭނާ ބޭނުންވާ ވަގުތު ނަގާނެކަމަށް ރިޕޯޓުތައް ބުނެއެވެ.