ޖިއާނީ އިންފަންޓީނޯ ޔޫއެފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ދުވަސްވަރު، އެ އިދާރާގެ އަންހެން މުވައްޒަފަކާ އޮތް ނަހަމަ ގުޅުމަކާ ގުޅިގެން އެ އަންހެން މީހާއަށް ފައިސާ ދީފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ފީފާއިން ވަނީ މުޅިން ދޮގުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ޔޫއެފާއިން ބުނެފައިވަނީ، ވަޒީފާއިން ވަކިވުމުން ދޭންޖެހޭ "ޑިޕާޗާ ޕޭމަންޓް" އެ މުވައްޒަފަށް ދީފައިވާނެ ކަމަށާއި، އަދި އޭނާ ފުރިހަމަކުރި އެމް.ބީ.އޭ ކޯހެއްގެ ފީ ވެސް އެ އިދާރާއިން ދައްކާފައިވާނެ ކަމަށެވެ. ޔޫއެފާއިން ހާމަކުރި ގޮތުގައި މި ފައިސާ ދީފައިވަނީ އެ ދުވަސްވަރު އަމަލުކުރަމުންދިޔަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. "ދަ ޑެއިލީ ޓެލެގްރާފް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންފަންޓީނޯއާ އޮތް ގުޅުމަކާ ގުޅިގެން އެ އަންހެން މީހާއަށް ހަ އަދަދެއްގެ ބޮޑު ފައިސާގެ އިނާޔަތެއް ދީފައިވެއެވެ. ނަމަވެސް ފީފާއިން ވަނީ މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
މި ރިޕޯޓްތަކާ ގުޅިގެން ފީފާއިން ވަނީ ރައްދު ދީފައެވެ. ފީފާގެ ތަރުޖަމާނަކު "ޓެލެގްރާފް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ތުހުމަތުތައް ވަރުގަދައަށް ދޮގުކުރައްވާ ކަމަށާއި، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ އަބުރަށް ހުތުރުވާފަދަ ނަހަމަ އަމަލެއް ނުވަތަ ގަވާއިދާ ހިލާފު ކަމެއް ކުރެއްވި ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އިންފަންޓީނޯގެ ފަރާތުން އެފަދަ ކަމެއް ފެނިފައިނުވާތީ، ޔޫއެފާ ނުވަތަ ފީފާގެ އެއްވެސް މުވައްޒަފަކު އޭނާއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައި ނުވާކަން ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
މި ތުހުމަތުތައް ފެންމަތިވެފައި މިވަނީ، ފީފާގެ ވޯލްޑް ކަޕް ފަދަ މުބާރާތްތައް ހިންގާނެ ކުންފުންޏަކަށް އަމިއްލަ އިންވެސްޓްމަންޓް ހޯދުމަށް އިންފަންޓީނޯ ރާއްވަވާފައިވާ ރޭވުމާ ގުޅިގެން އޭނާއަށް ފިއްތުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. އިންފަންޓީނޯ ވަނީ ޔޫއެފާގައި 16 އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވުމަށްފަހު، ފީފާގެ ރައީސްކަމަށް އޭނާ އިންތިހާބުވީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.
ވޯލްޑް ކަޕް ހިންގާ ކުންފުންޏެއްގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި މައްސަލަ ހޫނުވެ، ފާއިތުވި ދެ ހަފުތާގައި އޭނާއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި ހުށަހެޅުމަށް ޔޫއެފާގެ އިތުރުން އެހެން ދެ ބައްރުގެ ކޮންފެޑެރޭޝަނަކުން ވެސް ވަނީ ދެކޮޅު ހަދާފައެވެ. ނަމަވެސް، މިދިޔަ ބުދަ ދުވަހު މޮރޮކޯގައި ބޭއްވި ބައްދަލުވުމަކަށްފަހު ފީފާގެ މެނޭޖްމަންޓް ބޯޑުން ވަނީ އިންފަންޓީނޯއަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ. އަދި މި މައްސަލައިގައި ކަން ހިނގައިދިޔަ ގޮތުން އިންފަންޓީނޯ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
މި ރޭވުން ހުއްޓާނުލާހާ ހިނދަކު، ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ޔޫއެފާގެ 55 ގައުމުން ކުރިން ދީފައިވާ އިންޒާރު އަދިވެސް އޮތީ އެގޮތުގައެވެ. ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ބުދަ ދުވަހު ފީފާއިން ކުރި އިއުލާނުގެ ސަބަބުން ބަދަލުވި އެއްވެސް ކަމެއް ނެތް ކަމަށެވެ.





