ހުވަދޫ ކަނޑަށް ފެތުނު ދޯންޏަކުން ތިން މީހުން ގެއްލުނުތާ ދެ ހަފުތާވާން ކައިރިވެފައިވާއިރު، ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ. 

ގެއްލުނު މީހުން ހޯދަން ހިންގާ ސާޗު އޮޕަރޭޝަނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، އަޑިއަށް ދިޔަ ދޯނިން ނުކުމެވުނު އެންމެން ވަނީ ސަލާމަތްކުރެވިފަ އެވެ. ދޯނި އަޑިއަށް ގޮސްފައި ވަނީ އިންސާނުންނަށް ފީނޭ ހިސާބަށް ވުރެ ފުނަށް ކަމަށް ވާއިރު، ގެއްލުނު މީހުންނަށް އެ ދޯނި އަޑިއަށް ދިޔައިރު އެއިން ނުނިކުމެވޭކަން އެ މައުލޫމާތުން އެނގެ އެވެ.  

އެމްއެންޑީއެފުން ބުނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ދަންވަރު  ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ކަނޑު އަޑިއަށް ފެތުނު ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށެވެ. 

ދޯނި އޮޔާހިނގައިދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ހުވަދޫ ކަނޑާއި ލ. އަތޮޅުގެ އެ ބިތުގެ ފަރުތަކާއި ގއ. އަތޮޅުގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ދޯނި އަޑިޔަށް ދިޔަ ވަގުތު ކޮޅުވެއްޓިއަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނުކުމެވުނު މީހުން އެ ވަގުތު ސަލާމަތްކުރެވުނެވެ. އަދި ދޯނި ވަރަށް ކުއްލި ގޮތެއްގައި ބަންޑުން ޖަހާލައި އަޑިޔަށް ދިޔައީ ހުވަދޫ ފުން ކަނޑުގެ ތެރެއަށެވެ.

"އެހެންކަމުން، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ކުޑަ އެވެ،" އެމްއެންޑީއެފުން ބުންޏެވެ. 

އެމްއެންޑީއެފުން ބުނީ ހުވަދޫ ކަނޑަށް އެ ދޯނި ފެތިފައިވާ ސަރަހައްދު 1،600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭ ކަމަށާއި އެއީ އިންސާނުންނަށް ޑައިވް ކުރެވޭނެ ފުންމިނެއް ނޫން ކަމަށެވެ. އަދި އެއީ ބޭރު ގައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔާ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.