ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިދާރީ ހިދުމަތްތައް އެއް ވިއުގައަކުން ދިނުމަށް "ވެމްކޯ" މޯބައިލް އެޕްލިކޭޝަން އިފްތިތާހުކޮށްފި އެވެ.

ވެމްކޯއިން ބުނީ، މޯބައިލް އެޕްލިކޭޝަނާއެކު ވެމްކޯއިން ހޯދާ އެންމެހާ އިދާރީ ހިދުމަތްތައް މިހާރު ފަސޭހަކަމާއެކު އޮންލައިންކޮށް ހޯދޭނެ ކަމަށެވެ.

އެގޮތުން، ވެމްކޯގެ ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީވުމާއި، ވަކިވަކިން އުކާލާ ކުނި އުކާލުމަށް ރިކުއެސްޓް ކުރުމުގެ ކަންކަންވެސް އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އެވެ. އަދި ހިދުމަތާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންވާނަމަ، އެކަމަށް އެދި އެޕްލިކޭޝަންގެ ޒަރިއްޔާއިން ހުށައެޅޭނެ އެވެ.

މީގެއިތުރުން، ވެމްކޯގެ ހިދުމަތްތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް، ވެމްކޯގެ އެޖެންޓުންނާ ޗެޓްވެސް ކުރެވޭނެ އެވެ. އެގޮތުން، ރަޖިސްޓްރީ ކުރާ މައްސަލަތަކާއި، މައްސަލަތައް ގޮސްފައިވާ ހިސާބުތައް އަދި ކޮށްފައިވާ މުއާމަލާތްތައްވެސް އެޕްއިން ފެންނަން ހުންނާނެ އެވެ.

ވެމްކޯގެ ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ ކަންކަންވެސް އެޕްލިކޭޝަނާއެކު ވަނީ ވަރަށް ބޮޑަށް ފަސޭހަވެފަ އެވެ. އެގޮތުން، ބިލުގެ ތަފްސީލާއި، ކުރީގެ ބިލުތައްވެސް ބަލާލެވޭނެ އެވެ. އަދި އެޕްގެ ތެރެއިން ފައިސާ ދެއްކޭނެ ގޮތްތައްވެސް ހިމަނާފައިވެ އެވެ. ވެމްކޯގެ އެޕްލިކޭޝަން އެޕް ސްޓޯ އަދި ގޫގުލް އެޕްއިންވެސް ޑައުންލޯޑް ކުރެވޭނެ އެވެ.

އެޕް ބޭނުން ކުރެވޭނީ، އީފާސް މެދުވެރިކޮށް ރަޖިސްޓްރީވެގެން ކަމަށް ވެމްކޯއިން ބުނެފައިވެ އެވެ.