ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ އެއާ ސާވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުގެ އުންމީދަކީ އަދި މިހާރު މަސައްކަތް ކުރަމުންދާ އަމާޒަކީ އެއާ ސާވިސް އެގްރީމެންޓުތަކުގެ ތެރެއިން ރާއްޖެއަށް ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން އެންމެ
ފުރިހަމަ ގޮތުގައި ހިފުންކަމަށެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް އިތުރު ދެ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވެފައިވާއިރު، ރާއްޖެއިން ދާދިފަހުން ވަނީ އިތިއޯޕިޔާއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ އެފްރިކާ ބައްރުގެ ގައުމަކާއެކު ރާއްޖެއިން މިފަދަ އެއްބަސްވުމެއް އެކުލަވާލި ހަ ވަނަ ފަހަރެވެ.
އެއާ ސާވިސް އެގްރީމެންޓް ނުވަތަ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކީ، ދެ ގައުމެއްގެ ދެމެދުގައި ނުވަތަ ބައެއް ފަހަރު އެއަށްވުރެ ގިނަ ގައުމުތަކުގެ މެދުގައި ވިޔަފާރި އުސޫލުން ފްލައިޓުތައް ދަތުރު ކުރުމުގެ އުސޫލުތައް ކަނޑައަޅާ އެއްބަސްވުމެކެވެ.
މިފަދަ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ދަތުރުކުރެވޭނީ ބޭރުގެ ކޮން އެއާލައިންތަކަކަށް ކަމާއި، ލިބެން ހުންނާނީ ކިތައް ސީޓު ކަމާއި އަދި ދަތުރު ކުރެވޭނީ ކޮން މާކެޓުތަކަކަށްކަން މި އެއްބަސްވުމުން ކަނޑައެޅޭކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.
އެހެންނަމަވެސް މިއީ ބޮޑެތި މަސައްކަތްތަކަކަށްވާތީ ވަގުތު ނަގާނެ ކަމަށާއި، އެހެންނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައިއެވެ. އަދި މާލަސްތަކެއްނުވެ މި އެއްބަސްވުންތަކުގެ ނަތީޖާ ފެންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



