ހުޅުމާލެ ފަޅުތެރެއަށް ކުނި އުކާލުމުގެ މައްސަލައިގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ މާބޮޑު ގުޅުމެއް ނެތްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް ވިދާޅުވެއްޖެއެވެ.
އެމްޑީ މިހެން ވިދާޅުވީ ހުޅުމާލެއިން ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ފަޅުތެރެއަށް ކުނިއެޅޭތީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެކަމާ ގުޅޭ ގޮތުން ވެމްކޯއާ ސުވާލުކުރި ޚަބަރާގުޅިގެން އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހުޅުމާލެ ފަޅުތެރޭގައި ސަފާރީ ބޯޓު އަޅައިގެން ތިބޭ ފަރާތްތަކަށް އެނގޭނެ ކަމަށާއި ފަޅުތެރެއަށް އުކާލާފައި ހުންނަ ކުނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕްލާސްޓިކް ފުޅި ކަމަށް ވެސް ވަނީ ބަޔާން ކޮށްފައެވެ. އަދި ހުޅުމާލެއިން ޕްލާސްޓިކް ފުޅި އެއްކުރުމުގެ މަސައްކަތް ޕާލޭ އަދި މޯޕާ ފަދަ ޖަމިއްޔާތަކުން ކުރަނީ ވަރަށް ޒިންމާދާރުކަމާއެކުގައިކަން ފާހަގަކޮށް ބުނީ އެ ޖަމިއްޔާތަކުން ފުޅި އެއްކުރަނީ ފިއްތާލުމަށްފަހު ނެޓް ބޭގް އަދި ޖަމްބޯ ބޭގްތަކުގައި ކަމަށެވެ. ނަމަވެސް ހުޅުމާލެ ފަޅުތެރެއަށް އުކާލާފައި ހުންނަ ފުޅިތައް ހުންނަނީ އެއްވެސް ވަރަކަށް ފިއްތާނުލާ، ހުރި ގޮތަށް ޑަމްޕްކޮށްފައިކަން އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ހުޅުމާލެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ސީދާ ވެމްކޯގެ ޒިންމާއެއް ނޫން ނަމަވެސް، ރައްޔިތުންގެ ލާބައަށްޓަކައި އެ ކުންފުނިން އަންނަނީ ހަފްތާއަކު ތިން ދުވަހު ފަޅުތެރެއިން ކުނި ނަގައި ސާފުކުރަމުންނެވެ. މި މަސައްކަތަށް ހާއްސަ ޑިންގީއެއް ބޭނުންކުރަމުންދާއިރު، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިކަމުގައި ފުރިހަމަ އެއްބާރުލުން ދެމުންދާކަން ވެމްކޯއިން ފާހަގަކުރެއެވެ.
ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، ފަޅުތެރެއަށް ކުނި އެޅުން ހުއްޓުވުމަކީ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.



