ހުޅުމާލޭގައި އިތުރު 5000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި، ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެލައްވާފައިވާގޮތަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ކަންކަން ލިބޭނެތޯ ސުވާލުކުރައްވާފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިން ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރޭވިފައިވަނީ ސަރުކާރަށް ބިންލިބޭ މިންވަރަކުން ކަމަށެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ 4000 ހައުސިން ޔުނިޓްގެ ތެރެއިން ބޮޑުބައެއްގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން މިނިސްޓަރު މުއްތަލިބް ފާހަގަކުރެއްވި އެވެ
މުއްތަލިބް ވިދާޅުވީ ސަރުކާރުން އެލްއޯސީގެ ތެރެއިން ގުޅީފަޅުގައި 4000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު 5000 ހައުސިން ޔުނިޓް ހުޅުމާލޭގައި އެޅުމަށްކަމަށްވެސް މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް 58،505 އެޕްލިކޭޝަން ހުށަހަޅާފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީން މިހާރު ވަނީ ފްލެޓާއި ގޯއްޗަށް ހުށަހެޅި އެޕްލިކޭޝަންތަކުގެ ކްރޮސް ވެރިފިކޭޝަން މަސައްކަތް ފަށާފަ އެވެ. މިއީ އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުތަކާއި، ސަރުކާރުގެ އިދާރާތަކުގައި ހުރި މައުލޫމާތުތަކާ އަޅާކިޔުމަށް ކުރިއަށްގެންދާ ޕްރޮސެސްއެކެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ، "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ޖުމުލަ 12،861 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ފްލެޓަށްއެދި ހުށަހެޅި 112 އެޕްލިކޭޝަން އަދި ގޯއްޗަށްއެދި ހުށަހެޅި 12،749 އެޕްލިކޭޝަންކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.



