ވޮޝިންގޓަން: އީރާނުން ދީފާނެ ކަމަށް ބެލެވޭ ހަމަލާއެއްގެ ނުރައްކާ އޮތުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ތުރުކީން ފުރާވަޑައިގަތީ ސިއްރު އަސްކަރީ ފްލައިޓެއްގައި ކަމަށް ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފިއެވެ.
މިދިޔަ މަހު ތުރުކީގެ އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށްފަހު ޓްރަމްޕް ފުރާވަޑައިގަތުމަށް ހަމަޖެހިފައި އޮތީ ރަސްމީ 'އެއަރ ފޯސް ވަން' ގައެވެ. ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ދަށުން، ކެމެރާތަކުގެ ކުރިމަތީގައި ކުރީގެ 'އެއަރ ފޯސް ވަން' ބޯޓަށް އަރާވަޑައިގަތުމަށްފަހު، އެއާޕޯޓުގެ ކޭޓަރިންގ ޓްރަކެއްގެ އެހީގައި ސިއްރުން ކުޑަ ބޯޓަކަށް (އެއަރ ފޯސް C-32A) އަށް ބަދަލުވެވަޑައިގަތީއެވެ.
ވޮޝިންގޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރާވަމުންދާ ކަމުގެ އިތުބާރު ހުރި މަޢުލޫމާތު ލިބިގެން، ރައީސްގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެޅި އާދަޔާ ހިލާފު ފިޔަވަޅެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިދިޔަ މަހު ތުރުކީގައި އޮތް ނޭޓޯ ސަމިޓް ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގަތުމުގެ ތެރޭގައެވެ.
މި ދަތުރުފުޅުގައި ޓްރަމްޕް ބޭނުންކުރެއްވި 'އެއަރ ފޯސް ވަން' އަކީ އެހެން މީހުންނަށް އޮޅުވާލުމަށް ބޭނުންކުރި ބޯޓެކެވެ. އެ ބޯޓުގައި ދަތުރުކުރި ނޫސްވެރިންނަށްވެސް ބޯޓުގެ ކުޑަދޮރުތަކުގެ ފޮތިތައް ބަންދުކޮށްގެން ތިބުމަށް އަންގާފައިވެއެވެ. ބައެއް ވައިޓް ހައުސްގެ މުވައްޒަފުންނަށްވެސް ރައީސް އިންނެވީ އެ ބޯޓުގައި ކަމަށް ހީވެފައި އޮތް ކަމަށް ރިޕޯޓުގައިވެއެވެ.
މީގެ ކުރިން އަހަރު 2000 ގައި ރައީސް ބިލް ކްލިންޓަން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައިވެސް މިފަދަ ގޮތަކަށް، ރަސްމީ ބޯޓުގެ ބަދަލުގައި ފާހަގަނުކުރެވޭ ފްލައިޓެއް ބޭނުންކުރައްވާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ވައިޓް ހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވް ޗަންގް ވިދާޅުވީ، އެމެރިކާގެ ދުޝްމަނުން ރައީސަށް އަމާޒުކުރަމުންދާ ކަމަށާއި، ރައީސްގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ކުރަމުންދާނެ ކަމަށެވެ. ޕެންޓަގަންއިން މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޓްރަމްޕް ތުރުކީއަށް ވަޑައިގަތީ ގަތަރުން އެމެރިކާއަށް ހަދިޔާކުރި އަދި ދާދި ފަހުން އާބާތުރަ ފިލުވާފައިވާ ޚާއްޞަ ބޮއިންގ 747 ޖެޓެއްގައެވެ. ނަމަވެސް، އީރާނާއެކު އޮތް މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، ސަލާމަތީ ސަބަބުތަކަށްޓަކައި މި ބޮޑު ބަދަލު ގެނައީ ކަމަށް މަސްދަރުތަކުން ބުނެއެވެ.




