ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ރަޙުމުކުޑަ ޤަތުލުޢާންމުގެ ތެރެއިން ސުންނާފަތި ކޮށްލާފައިވާ އިމާރާތެއްގެ ދަށުން 19 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.
ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ހަތަރު ދުވަހުގެ ބުރަ މަސައްކަތަށް ފަހު ޣައްޒާ ސިޓީގައި ހުރި މި އިމާރާތުގެ ދަށުން ނެރެވިފައިވާ ހަށިތަކުގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މުޙައްމަދު އަބޫ ދާން ވިދާޅުވީ، ޣައްޒާ ސިޓީގެ އެހެން ސަރަޙައްދުތަކުގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަށެވެ.
ޝަހީދުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގައި މަދަނީ ސަލާމަތާ ބެހޭ އިދާރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެންމެ ބޮޑު ދައްޗަކީ އިމާރާތްތަކުގެ ގައު ކުނޑިއާއި ބޮޑެތި ކޮންކުރީޓުގަނޑުތައް އުފުލައި ސާފުކުރާނެ އެކްސްކަވޭޓަރު ފަދަ ޒަމާނީ ވަސީލަތްތައް ނެތުމެވެ. އެހެންކަމުން، މި ވަގުތު ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުން ދަނީ އެއްވެސް މެޝިނެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އަތުންނެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 8,000 އަށްވުރެ ގިނަ މީހުންގެ ހަށިތައް އަދިވެސް ވަނީ ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.
ޔަހޫދީން ވަނީ 2025 އޮކްޓޫބަރު 11 ގައި ޤަތުލުޢާންމު ހުއްޓައިލުމަށް އެއްބަސްވެފައެވެ. ނަމަވެސް، އެ އެއްބަސްވުމަށް ފަހުވެސް ދެމުންދާ ނިރުބަވެރި ހަމަލާތަކުގައި މިހާތަނަށް 1,254 މީހުން ޝަހީދުކޮށް، 4,121 މީހުން ޒަޚަމު ކޮށްލާފައިވެއެވެ. އަދި އެއްބަސްވުމަށް ފަހު އެކަނިވެސް އިމާރާތްތަކުގެ ދަށުން 804 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ.
ޔަހޫދީންގެ މި ލާއިންސާނީ ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޖުމުލަ ޢަދަދު ވަނީ 73,300 އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 174,000 އަށްވުރެ އިތުރުވެފައެވެ.




