ޕާކިސްތާނުގެ ސްޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެން، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ގެންގޮސް މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަނބުރާ ޖަލަށް ގެންގޮސްފި ކަމަށް ސަރުކާރުން ބުނެފި އެވެ.

ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، އިމްރާން ޚާން އަދިއާލާ ޖަލުން އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންދެވުނީ މެންދަމުގެ ވަގުތެއްގައި ކަމަށެވެ. އަދި ޑޮކްޓަރުންގެ ޓީމަކުން އެމަނިކުފާނު ބެއްލެވުމަށްފަހު، އަނބުރާ ޖަލަށް ގެންދެވުނު ކަމަށް ވެސް ވިދާޅުވި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަރާރު ވިދާޅުވީ، ލޮލުގެ ޚާއްސަ ޑޮކްޓަރަކާއި ހިތުގެ ޚާއްސަ ޑޮކްޓަރެއްގެ އިތުރުން ފިޒީޝަނެއް ހިމެނޭ ގޮތަށް އެކުލަވާލި ޑޮކްޓަރުންގެ ޓީމަކުން އިމްރާންގެ ހާލުކޮޅު ވަރަށް ތަފްސީލުކޮށް ބަލާފައިވާ ކަމަށާއި، އެމަނިކުފާނުގެ ސިއްޙީ ހާލަތު ރަނގަޅު ކަމަށް ނިންމާފައިވާ ކަމަށެވެ.

ސްޕްރީމް ކޯޓުން މި އަމުރު ނެރެފައިވަނީ އިމްރާންގެ ސިއްޙީ ހާލުކޮޅާ މެދު އާއިލާއިންނާއި ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. ޚާއްސަކޮށް، އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުން ގާތްގަނޑަކަށް 85 އިންސައްތަ ދަށްވެފައިވާ ކަމަށް އާއިލާއިން ބުނުމާ ގުޅިގެން ކަންބޮޑުވުންތައް އިތުރުވި އެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ ފަހުން އެމަނިކުފާނުގެ ލޮލުގެ ފެނުން 70 އިންސައްތައަށް ރަނގަޅުވެފައިވާ ކަމަށެވެ.

ޕީޓީއައި އަދި އާއިލާގެ ފަރާތުން އެދުނީ ފަރުވާއަށްޓަކައި ހޮސްޕިޓަލުގައި ބެހެއްޓުމަށެވެ. އެހެންނަމަވެސް، ކެބިނެޓް މިނިސްޓަރަކު ކުރިން ވިދާޅުވެފައިވަނީ މިހާރު ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ގައިދީންނަށް ޖަލުގައި ފަރުވާ ދެވޭނެ ކަމަށާއި، ސަރުކާރުގެ ހޮސްޕިޓަލްތަކުން އެކަށީގެންވާ ފަރުވާ ނުލިބޭނަމަ ޤަުއުމުން ބޭރުން ފަރުވާ ހޯދުމާމެދު ވިސްނިދާނެ ކަމަށެވެ.

އޭޕްރީލް 2022 ގައި އިތުބާރު ނެތްކަމުގެ ވޯޓަކުން މަޤާމުން ދުރުކުރެވުނު ކުރީގެ ކްރިކެޓް ތަރި އިމްރާން ޚާން، ކޮރަޕްޝަންގެ މައްސަލަތަކެއްގައި ކުށްވެރިވެ 2023 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.