ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރާ ހަލިމަގުގައި އަގުބޮޑު ލަމްބޯގިނީ ކާރެއް ކޮންޓްރޯލް ނުވެ ގޮސް، އެތަނުގައި ހަރުކޮށްފައިވާ ސޯލާޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެެެއް ހިނގައިފިއެވެ.

މިހާރު މީސް މިޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އެ ކާރު ގޮސް ސޯލާޕެނަލްތަކުގައި ޖެހިފައިވާ މަންޒަރެވެ. މިގޮތުން އެ ކާރަށް ގެއްލުންތަކެއް ލިބިފައިވާއިރު، ކާރުގެ ބައިތައްވެސް ނެއްޓި އެ ސަރަހައްދަށް ވެއްޓިފައި ހުރި މަންޒަރު ފެނެއެވެ. އަދި ސޯލާޕެނަލްތަކަށްވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، ކާރުވެސް އޮތީ ފުރޮޅާލައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބްރިޖް ހަލިމަގުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި، ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:42 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައޮ މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

"މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި. ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި،". ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.