18 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު ކަޕް ވިނާސް ކަޕް މިއަދު ހަވީރު އަލުން ފަށާނެއެވެ.

މި މުބާރާތަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ނިމިދިޔަ ސީޒަނުގެ އެންމެ ވަރުގަދަ ހަތަރު ކުލަބެވެ. އެއީ ދިވެހި ޕްރެމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބް އަދި ބުރު ސްޕޯޓްސް ކްލަބެވެ

އެފްއޭއެމްއިން މި ސީޒަނުގެ ކަލަންޑަރު ރަސްމީކޮށް މީޑިއާއަށް ހިއްސާކޮށްފައި ނުވިނަމަވެސް، މުބާރާތުގެ ތާވަލު މިހާރު ވަނީ ކުލަބުތަކާ ހިއްސާކޮށްފައެވެ. މިއަދު ފަށާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބެވެ. އަދި މިރޭ ކުޅޭ ފޯރިގަދަ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި އޮޑީ ސްޕޯޓްސް ކްލަބެވެ.

މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން، އަންނަ ބުރާސްފަތި ދުވަހު މާޒިޔާ އާއި ބުރު ބައްދަލުކުރާއިރު، ނިއު ރޭޑިއަންޓް ނުކުންނާނީ އޮޑީއާ ދެކޮޅަށެވެ. އެއަށްފަހު، އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި އޮކްޓޯބަރު 11 ވަނަ ދުވަހު ތަޖިކިސްތާނުގެ އެފްސީ ރެގާ-ތަޑްއޭޒްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މާޒިޔާ ކުޅޭ މެޗަށް މުބާރާތް މެދުކަނޑާލާނެއެވެ.

ކަޕް ވިނާސް ކަޕަކީ 1995 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފެށި މުބާރާތެކެވެ. މީގެ ކުރިން 11 ފަހަރު މި މުބާރާތް ބޭއްވުމަށްފަހު، މުބާރާތް މެދުކަނޑާލީ 2008 ވަނަ އަހަރެވެ. އެންމެ ފަހުން މި މުބާރާތުގެ ތަށި އުފުލާލީ ނިއު ރޭޑިއަންޓެވެ. ނަމަވެސް މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ހަ ފަހަރު ތަށި ހޯދާފައިވާ ކްލަބް ވެލެންސިއާއެވެ.