ކަޕް ވިނާސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅޭ ބްރެޒިލްގެ ކުޅުންތެރިޔާ، ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ގެ ހެޓްރިކާއެކު އެ ޓީމުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.


ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން 20 ވަނަ ސިކުންތުގައި ނިއު އިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މޫސާ ޔާމިން ނެގި ހުރަހަކުން، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ޑޯރީ އެވެ. މެޗުގެ ކުރީކޮޅު ނިއު އިން ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.

ނިއު އިން ވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ދެވަނަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޑޯރީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، ނިއުއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ގޯމޭސް ޑަ ސިލްވާ ނެގި ހުރަހަކުން ޑޯރީ ބޮލުން ޖެހި ލަނޑެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ 67 ވަނަ މިނެޓުގައި ނިއު އިން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. ޑަ ސިލްވާ ދިން ބޯޅަޔަކުން، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ފުރަތަމަ ހަމަލާ، ބުރުގެ ކީޕަރު ޝައިހާން އަލީ ދިފާއުކުރި ނަމަވެސް، ރީބައުންސްގައި ސެންޓޭ ވަނީ ލަނޑު ޖަހާފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އަބްދުﷲ ބިލިޓީ ވަނީ އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މިރޭ މާޒިޔާ ނިކުންނާނީ އޮޑިއާ ދެކޮޅަށެވެ.