ކަޕް ވިނާސް ކަޕްގައި މާޒިޔާ ކުޅުނު ދެވަނަ މެޗުގައި ބުރު ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިފި އެވެ. 

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބުރުން ލީޑް ނެގި އެވެ. އެ ހާފުގެ އިތުރު ވަގުތުގައި އެ ލަނޑު ޖެހީ އަބްދުﷲ އަރީން އިބްރާހިމެވެ

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް މާޒިޔާ އަށް ލިބުނެވެ. އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ބެންޖަމިން ކޫކޫ ގޯލް ކުރިމައްޗަށް ތިރިތިރިން ހުރަސްކުރި ބޯޅަ ދިޔައީ ގޯލްގެ ބުޑުންނެވެ.

އެކަމަކު ދެން ޖެހިގެން އައި މިނެޓުގައި އިބްރާހިމް އައިސަމް (ޓޯނީ) ލަނޑުޖަހައި މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ބުރުގެ އޭރިއާގެ ތެރެއިން މާޒިޔާއިން އުފެއްދި ހަމަލާ ބުރުގެ ޑިފެންޑަރު ބޮލުން ދިފާއުކުރުމުން ބޯޅަ ރީބައުންސްވި އެވެ. އެ ބޯޅަ ދެން ލިބުނީ އޭރިއާގެ ތެރޭގައި ހުރި ނައްސާހް އިބްރާހިމް ނާސިރަށެވެ

އޭނާ ބޯޅަ ފަހަތަށް ކޮށްޕާލީ އައިސަމަށް ފުރުސަތު ދިނުމަށެވެ. އައިސަމް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ

މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއިން ނަތީޖާ ބަދަލުކުރި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކޫކޫ އެވެ. މާޒިޔާގެ ޑިފެންޑަރު ނެމަންޏާ ޒްދްރާވްކޮވިޗް، ބުރުގެ އޭރިއާގެ ތެރެއިން ވަރަށް މަސައްކަތުން ބޯޅަ ކޮންޓްރޯލް ހޯދައި ކުރު ޕާހެއް ދިނީ ކޫކޫ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކަޕްވިނާސް ކަޕްގައި މާޒިޔާ އަށް ބާކީ އޮތީ ނިއުއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ މި މަހު 15 ވަނަ ދުވަހުގެ ރޭގައެވެ.