ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ދައްކަންޖެހި ނުދައްކައި އޮތް ފައިސާގެ މައްސަލައިގައި، މާލޭ ސިޓީ ކައުންސިލަށް މި މަހު ދޫކުރުމަށް ހަމަޖެހިފައިވާ ބްލޮކް ގްރާންޓުން 19 މިލިއަން ރުފިޔާ އުނިކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
މި މަހު މާލޭ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެން އޮތީ ޖުމްލަ 19,285,734 ރުފިޔާއެވެ. ނަމަވެސް އެ ފައިސާގެ ތެރެއިން 19 މިލިއަން ރުފިޔާ އުނިކުރުމުން މި މަހު ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭނީ 285,734 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ މި އެންގުމާ ގުޅިގެން ކައުންސިލުން ވަނީ އެކަމުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް ބަޔާންކޮށް އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި، އެ ފައިސާ އުނިކުރުމުން މުވައްޒަފުންނަށް މުސާރަދިނުމަށާއި އޮފީސް ހިންގުމުގެ ހަރަދުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެތީ އެކަމާ މެދު މަޝްވަރާކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ.
ވެމްކޯއިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލުން އެ ކުންފުނީގެ ހިދުމަތް ހޯދުމަށްފަހު ނުދައްކައި އޮތް ފައިސާގެ ޖުމްލަ އަދަދު 116.4 މިލިއަން ރުފިޔާއަށް އަރައެވެ. އެ ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ މާލީ ފުދުންތެރިކަން ދަށްވެ، މުވައްޒަފުންގެ ޕެންޝަން ފައިސާ ދެއްކުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ކައުންސިލުން ފައިސާ ނުދެއްކުމުގެ ސަބަބުން އާ ތަންތަން ރަޖިސްޓްރީކޮށްދިނުމަށާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ހުރި ނަމަވެސް، އާންމު ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް މެދުކަނޑާނުލައި ކުރިއަށްގެންދާ ކަމަށް ވެމްކޯއިން ބުނެއެވެ. އަދި މައްސަލަ ހައްލުކުރުމަށްޓަކައި ޕޭމަންޓް ޝެޑިއުލެއް ހުށަހެޅުމަށް އެތައް ފަހަރަކު އެދުމުންވެސް ސިޓީ ކައުންސިލުން އެދެވޭ އެއްބާރުލުމެއް ދީފައިނުވާ ކަމަށްވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.





