ރާއްޖޭގައި މަސައްކަތްކުރާ ހުނަރު ނެތް ކޮންމެ ބިދޭސީއަކަށް ދޫކުރެވޭނީ އެންމެ ސިމް ކާޑެއް ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

މޯބައިލް ސިމް ކާޑު ރަޖިސްޓްރީ ކުރުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ހުނަރު ނެތް ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ މީހަކަށް އެންމެ ސިމް ކާޑެއް ލިބޭނެ ގޮތަށެވެ. އަދި ސިމް ކާޑު ގެއްލިގެން ނުވަތަ ހަލާކުވެގެން އައު ސިމް ކާޑެއް ދޫކުރެވޭނީ ފުލުހުންނަށް މައްސަލަ ހުށަހެޅުމަށްފަހު، ހަރުދަނާ އުސޫލެއްގެ ތެރެއިންނެވެ.

ފަހަކަށް އައިސް ބިދޭސީންގެ ލިޔެކިޔުންތައް ބޭނުންކޮށްގެން ސިމް ކާޑު ނަގައި، އެކި ކަހަލަ ސްކޭމްތައް ހިންގާ މަައްސަލަތައް އިތުރުވެފައިވެ އެވެ. އަދިި އެފަދަ ގިނަ ސްކޭމްތައް ހިންގަނީ ޖަލުތަކުގެ ތެރެއިންނެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައިވާގޮތުން މި ބަދަލާއެކު ޖަލުތަކަށް ސިމް ކާޑު އެތެރެކުރުމާއި، މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އަމަލުތަކުގައި ބޭނުންކުރާ ސިމް ކާޑުތަކުގެ ވެރިފަރާތްތަކާ މެދު ފުރިހަމަ ޤާނޫނީ އަދި އިދާރީ ފިޔަވަޅު އެޅޭނެ އެވެ.

މީގެއިތުރުން، ބޭރު ޤައުމުތަކަށް އެކްސްޕޯޓް ކުރުމަށްޓަކައި ކޮޕަރ ނަރު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވަމުންދާތީ، ޤަވާޢިދާ ޚިލާފަށް ހިންގާ ބާދަގަނޑުގެ ވިޔަފާރިތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށްވެސް ނިންމާފައިވެ އެވެ. އަދި ޖަލުތައް ތޮއްޖެހުން ކުޑަކުރުމަށާއި މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބާ މީހުންގެ ނިސްބަތް އެންމެ ދަށް ޤައުމަކަށް ރާއްޖެ ހެދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ވަޒީރުންގެ މަޖިލީހުން ކަަނޑަައަޅާފައިވެ އެވެ.