ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު އެ ދެ ކޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، މައްސަލަތައް ނިންމުން އަވަސްވެގެންދާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ރައީސް މިހެން ވިދާޅުވީ، ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ މުބާރިކް ވަނީ ކޯޓުތަކުގައި ނުނިމި ހުރި ދުވަސްވީ މައްސަލަތައް އަވަސްކުރުމަށް ފަނޑިޔާރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ޖޭއެސްސީން މި ދެ ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ނިންމީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އިތުރުވެ، މިހާރު ތިއްބެވި ފަނޑިޔާރުންނަށް އޮތް މަސައްކަތުގެ ބާރު ބޮޑުވުމުގެ ސަބަބުންނެވެ. ހުސްނީ މުބާރިކް ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެކަނިވެސް ސިވިލް ކޯޓަށް 1,913 އައު މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ އެ ކޯޓުގައި ތިއްބެވި 17 ފަނޑިޔާރުންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު އެވްރެޖުކޮށް 14 މައްސަލައެވެ.

ސިވިލް ކޯޓުގެ މައްސަލަތައް ލަސްވުމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާކަން ފާހަގަކުރައްވައި، ހުސްނީ ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 19 އަށް އިތުރުކުރަން ނިންމީ އެ މައްސަލަ ހައްލުކުރުމަށެވެ. މިވަގުތު ސިވިލް ކޯޓުގައި ނުނިމި 3,218 މައްސަލަ އެބައޮތެވެ.

މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ހާލަތަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 1,098 މައްސަލަ ހުށަހަޅާފައިވެއެވެ. މިއީ އެ ކޯޓުގެ 13 ގާޒީންގެ ތެރެއިން ކޮންމެ ބޭފުޅަކަށް މަހަކު 15 މައްސަލައެވެ. ކްރިމިނަލް ކޯޓުގައި މިވަގުތު ނުނިމި 1,626 މައްސަލަ އޮތްއިރު، އަލަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މި މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ޖޭއެސްސީގެ ރައީސް އުއްމީދު ކުރައްވައެވެ.

ކޯޓުތަކުގެ ހިންގުން ހަރުދަނާކޮށް، އިންސާފު ގާއިމުކުރުމުގެ މަސައްކަތް އަވަސްކުރުމަކީ ސަރުކާރުންނާއި ޖޭއެސްސީން ބޮޑު އިސްކަމެއް ދޭ ކަމެކެވެ. ކްރިމިނަލް ކޯޓު ހުޅުމާލެއަށް ބަދަލުކުރި ފަހުން އެ ކޯޓުގެ މަސައްކަތްތައް ހަލުވިވެފައިވާކަން ފާހަގަކުރައްވައި، ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންވެސް ރައްޔިތުންގެ މެދުގައި ޝަރުޢީ ދާއިރާއަށް އޮތް އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމަށް ހުސްނީ މުބާރިކް ބާރުއެޅުއްވިއެވެ.

"ޝަރުޢީ ދާއިރާއިން ކޯޓުތަކުން ގިނަ މައްސަލަތަކެއް ނިންމައި ނަތީޖާތަކެއް ހާސިލުކުރޭ. އެހެންނަމަވެސް ޝަރުޢީ ދާއިރާއާމެދު އާންމުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ، ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުން. ވަކިން ޚާއްސަކޮށް 5 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކާއި 3 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައް އަވަސްގޮތެއްގައި ނިންމުން،" ޖޭއެސްސީގެ ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކޯޓުތަކަށް ހުށަހަޅާ މައްސަލަތަކުގައި އިންސާފު ނުލިބި ދިގުލައިގެން ދިއުމަކީ ޝަރުޢީ ދާއިރާގެ އަގު ވެއްޓިގެންދާނެ ކަމެއްކަން ހުސްނީ ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިއަހަރު ނިމުމުގެ ކުރިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ހުރިހާ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.