ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮންމެ އަހަރަކުވެސް އިޖުތިމާޢީ ކަންކަމަށް އެހީތެރިވުމުގެ ގޮތުން ދޫކުރާ 'ބޭންކް ފަންޑް' މިއަހަރު ލިބޭ ފަސް ޖަމްޢިއްޔާއެއް ހޮވައި، އެ ފަރާތްތަކަށް އެހީގެ ލިޔުން ހަވާލުކޮށްފިއެވެ.
މި ފަންޑުގެ ދަށުން ހޮވޭ ކޮންމެ މަޝްރޫޢަކަށް ބީއެމްއެލްގެ ފަރާތުން 200,000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ބޭންކުން ހާމަކުރި ގޮތުގައި މި ފަންޑު ދޫކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކުރުވުމާއި، ރަށްރަށުގެ ތަރައްޤީއަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މިއަހަރު މި ފަންޑަށް ހޮވުނު ފަސް ޖަމްޢިއްޔާ އާއި އެ ޖަމްޢިއްޔާތަކުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަކީ:
ދިއްދޫ ކުރިމަގު ޖަމްޢިއްޔާ: ހއ. ދިއްދޫގައި 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ޚާއްޞަ މަރުކަޒެއް ގާއިމުކުރުން.
ޔުނިޓީ ސްޕޯޓްސް އެކަޑަމީ: ށ. ފުނަދޫގައި އޮންނަ 'މާމުލި ކުޅި' އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީ ކުރުން.
ލާމު ފާމަރސް އެސޯސިއޭޝަން: ލ. ފޮނަދޫ އަދި ލ. ގަމުގައި ދަނޑުވެރިންނަށް އެހީތެރިވުމަށް 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުން.
ބްލޫ ގިލްޑް ފައުންޑޭޝަން: ށ. ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލުގައި ދަރިވަރުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުން.
ކަލައިދޫ ވިންގްސް: ލ. ކަލައިދޫ ބަނދަރު ސަރަޙައްދުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމުތަކާއެކު 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްޤީ ކުރުން.
ބޭންކް ފަންޑަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަޝްރޫޢުތަކަށް އަމާޒުކޮށްގެން ދެވޭ އެހީއެކެވެ. މީގެ ސަބަބުން ތަޢުލީމީ، ތިމާވެށީގެ އަދި އިޖުތިމާޢީ އެކި ދާއިރާތަކުން ރަށްރަށަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން އުންމީދު ކުރެއެވެ.





