ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، އެކަމަށް ބޭނުންވާ އެންމެހައި އެހީތެރިކަމާއި ރަނގަޅު މާހައުލެއް ސަރުކާރުން ޤާއިމުކޮށްދޭނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ޓުއަރިޒަމް އިންޓެލިޖެންސް ކުއާޓަލީ ބްރީފިންގގައި ވާހަކަ ދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ކުރެވޭ ހުރިހާ މަސައްކަތަކީ ގުޅިގެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އަންނަ އަހަރު ފާހަގަކުރުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވެސް " އަހަރުގެ މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ހުޅުވާލައި، ރައްޔިތުންނާއި ރަށްރަށަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ދިވެހިންގެ މެހެމާންދާރީއަކީ މުޅި ދުނިޔޭގައިވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަނެފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިންނަކީ ޒަމާނީ އީޖާދުތަކާއި ސިނާޢަތަށް އަންނަ ބަދަލުތަކަށް ނުހަނު އަވަހަށް ހޭނޭ ބައެއް ކަމަށާއި، މިއީ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިންގެ ފަރާތުން ލިބޭ މަޢުލޫމާތަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 85 އިންސައްތައަށްވުރެ ގިނަ މީހުން އަލުން ރާއްޖެއަށް އަންނަން ބޭނުންވާ ކަމަށެވެ. އަދި 90 އިންސައްތައަށްވުރެ ގިނަ ފަތުރުވެރިން އެހެން މީހުންނަށް ރާއްޖެ އައުމަށް އިރުޝާދުދޭއިރު، 80 އިންސައްތަ މީހުން ތިބީ ޚިދުމަތްތަކާމެދު އިންތިހާއަށް ހިތްހަމަޖެހިގެންކަން ސާވޭތަކުން ދައްކާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދިވެހި ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެވިފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އައު މާކެޓުތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން އޮސްޓްރޭލިއާއަށް ދަތުރުތައް ފަށާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އިތިއޯޕިއަން އެއަރލައިންސްގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު އަމީންގެ ވާހަކަފުޅު ނިންމަވާލެއްވީ "ވިޒިޓް މޯލްޑިވްސް" އަހަރު ކާމިޔާބު ކުރުމަށްޓަކައި މުޅި ސިނާޢަތުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވަމުންނެވެ. އަދި ސަރުކާރުގެ އެންމެ މުހިންމު ދައުރަކީ މި ޤައުމީ މަސައްކަތަށް ބޭނުންވާ ރަނގަޅު މާހައުލެއް ފަހިކޮށްދިނުން ކަމުގެ ޔަޤީންކަން ވަޒީރު އެރުވިއެވެ.





