ބ. ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް، އެ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އަލުން އިޢުލާންކޮށްފިއެވެ.

މި މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޝައުގުވެރިކަން ފާޅުކުރުމުގެ (EOI) އެންމެ ފަހު ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ ރޭގަނޑު 11:59 އެވެ. އަދި މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހެވެ.

ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަން މީގެ ކުރިން މިދިޔަ މެއި މަހުވެސް އިޢުލާންކުރިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ފަހަރު މަސައްކަތް ކުރިއަށް ގޮސްފައި ނުވާތީ، މިއީ މި މަސައްކަތަށް އިޢުލާންކުރި ދެވަނަ ފަހަރެވެ.

މި މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓަރު ހޮވުމުގައި، މީގެ ކުރިން މިފަދަ މަޝްރޫއުތައް ހިންގާފައިވާ ތަޖުރިބާކާރު ފަރާތްތަކަށާއި، 50 މިލިޔަން ރުފިޔާއަށް ވުރެ އަގުބޮޑު މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި މަސައްކަތް ހަވާލުކުރާ ތާރީޚުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެއެވެ.

ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ރީތި މަންޒަރުތައް ސިފަވާފަދަ ޒަމާނީ ފަރުމާއަކަށެވެ. މި ޓާމިނަލް ބޮޑުކުރުމުން އެއްފަހަރާ 175 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރުން:

ޖާގަ ތަނަވަސް އެރައިވަލް ހޯލެއް ހުންނާނެއެވެ.

ސެލްފް ސަރވިސް ކިއޮސްކްތަކާއި ތިން ގޭޓު ހިމެނޭނެއެވެ.

75 މީހުންގެ ޖާގަ ހިމެނޭ ލައުންޖަކާއި 'ބޭބީ ކެއަރ' ފެސިލިޓީއެއް ހުންނާނެއެވެ.

އެއްވަގުތެއްގައި ތިން ބޯޓަށް ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

އޮކްޓޫބަރު 17، 2012 ގައި ހުޅުވި މި އެއާޕޯޓަކީ މިހާރުވެސް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓަށް ވުރެ ގިނަ ފްލައިޓް ޖައްސާ، ރާއްޖޭގެ އެންމެ ބާރުބޮޑު އެއް އެއާޕޯޓެވެ. މީގެ ކުރިން ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގަމުން އައި މި އެއާޕޯޓު، ސަރުކާރުން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރީ މިއަހަރުގެ އެޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ، ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ފަތުރުވެރިންނާއި އާންމު ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށެވެ.