ސިންގަޕޫރުގެ ގައުމީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހޭޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަތުނަމް އަށާއި، ބޮޑުވަޒީރު ލޯރެންސް ވަންގް އަދި އެ ގައުމުގެ އެކުވެރި ރައްޔިތުންނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، ދިވެހިރާއްޖެއިން އަބަދުވެސް ސިންގަޕޫރާއެކު އޮންނަ އެކުވެރިކަން ދަމަހައްޓައި އެކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ. މި ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި، އިހުތިރާމާއި، ސަރަހައްދީ ސުލްހަ މަސަލަސްކަމާއި ކުރިއެރުމަށް ގެންގުޅޭ އެއްގޮތް ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސިންގަޕޫރުގެ ރައްޔިތުންނަށް މެދުނުކެނޑި ލިބެމުންދާ ތަރައްގީއާއި، އެއްބައިވަންތަކަމާއި، ފާގަތިކަމަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރަކީ ބައިނަލްއަގުވާމީ މައިދާނުގައި ގިނަ ދާއިރާތަކަކުން ގުޅިގެން މަސައްކަތްކުރާ، އަދި ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ.





