ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކާ ދޭތެރޭގައި އެއްވެސް ކަހަލަ ރުޅިވެރިކަމެއް ނެތް ކަމަށާއި، ޒާތީ ގޮތުން ރުޅިވެރިކަން އޮތް ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގުޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޔާމީން މިހެން ވިދާޅުވީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އެ މަނިކުފާނުގެ ފަހަތަށް ވަޑައިގެން މަސައްކަތް ކުރައްވަފާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ފަހަތަށް އަރައި މަސައްކަތް ކުރެއްވުމަކީ ރައީސް މުއިއްޒުގެ އަމިއްލަފުޅު ނިންމެވުމެކެވެ. އަދި އެފަދަ ނިންމެވުމަކަށް އެ މަނިކުފާނު އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މައިދާނުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަލިއަޅުވާލައްވަމުން ޔާމީން ވިދާޅުވީ، އެއްވެސް ބޭފުޅަކާ މެދު ރުޅިވެރިކަމެއް އޮވެގެން އުޅުއްވާ ނުވާ ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ސޯލިހާ މެދު ރުޅިވެރިކަން އޮތީ، އެ މަނިކުފާނު ނުހައްގުން ޖަލުގައި ގެންގުޅުއްވީތީ ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ރުޅިވެރިކަމެއް އޮތީ ހަމައެކަނި އިބްރާހިމް މުހައްމަދު ސޯލިހާ ދޭތެރޭގައި. އެއީ ނުހައްގުން އަޅުގަނޑު ޖަލުގައި ގެންގުޅުނީމަ. އޭނާގެ ދެވަނަ ރިޔާސީ ދައުރެއް ކަށަވަރުވާނީ އަޅުގަނޑު ޖަލުގައި ގެންގުޅެގެން ކަމަށް އޭނާއަށް ގަބޫލުކުރެއްވިގެން ނުހައްގުން ނާއިންސާފުން އަޅުގަނޑު ޖަލަށްލީމަ އެ ރުޅިވެރިކަން އަޅުގަނޑުގެ އޮތީ. އެހެން ބޭފުޅުންނާ ދޭތެރޭ ރުޅިވެރިކަމެއް ނެތް،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަނީ އެއްވެސް ހާލެއްގައި ހަސަދަވެރިވެގެން ނުވަތަ ޒާތީވެގެން ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާއިރު، ރައީސް މުއިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އަދި އެ މަނިކުފާނު ޖަލަށް ގެންދަވާފާނެ ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން މިހެން ވިދާޅުވެފައި މިވަނީ، ރައީސް މުއިއްޒުގެ ސަރުކާރާއި ޔާމީނާ ދެމެދު ސިޔާސީ ގޮތުން ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.