ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުގެ ދަށުން، ގދ. ގައްދޫގައި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން، ގދ. ގައްދޫގައި މިއަދު ވަނީ ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްފައި ކަމަށެވެ. މިއީ އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ޕާސްޕޯޓުގެ ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގެ ދަށުން މިހާތަނަށް ގިނަ ރަށްތަކެއްގައި ވަނީ މި ހިދުމަތް ގާއިމުކޮށްފައެވެ. އެގޮތުން އެންމެ ފަހުން މި ހިދުމަތް ތައާރަފްކޮށްފައިވަނީ ބ. ދަރަވަންދޫގައެވެ. މީގެ އިތުރުން ތ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ގުރައިދޫ، ވިލުފުށި އަދި ވޭމަންޑޫގައި ވެސް ދާދި ފަހުން ވަނީ މި ހިދުމަތް ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ގާތުން ހިދުމަތް ފޯރުކޮށްދިނުމެވެ. މި މަސައްކަތުގެ ދަށުން މާލޭގެ އިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ އިތުރުން ވިލިމާލޭގައި ވެސް މިހާރު އަންނަނީ ޕާސްޕޯޓުގެ ހިދުމަތް ދެމުންނެވެ.

ގައްދޫގައި މި ހިދުމަތް ފެށުމާއެކު، އެ ރަށުގެ ރައްޔިތުން ޕާސްޕޯޓް ހެއްދުމަށްޓަކައި ދިގު ދަތުރުތައް ކުރަންޖެހޭ ޖެހުމަށް ނިމުމެއް އައިސް، ވަގުތާއި ޚަރަދު ސަލާމަތްވެގެންދާނެއެވެ.