ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއްގައި ބަންޑުންޖަހާލި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނީގައި ތިބި ތިން މީހުން ދޯނިތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވުނު ނަމަވެސް، ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް ބަންޑުންޖަހާލި މި ދޯނިން ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު) އާއި، ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު (33 އަހަރު) އަދި ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެމްއެންޑީއެފްގެ އޮފިސަރަކު މައުލޫމާތު ދެއްވި ގޮތުގައި، ގާތްގަނޑަކަށް 98 ފޫޓު ހުރި މި ދޯނި ބަންޑުންޖަހާލިއިރު، ގެއްލުނު ތިން މީހުން އެންމެ ފަހުން ތިބީ ދޯނި ދިޔަވާތީ ޕަންޕް ސެޓަޕް ޖަހައިގެން ދިޔަހިއްކުމުގެ މަސައްކަތުގައެވެ. އެހެންކަމުން، ބޮޑަށް ބެލެވެނީ ދޯނި ބަންޑުންޖަހާލި ވަގުތު އެމީހުން ދޯނިތެރޭގައި ތާށިވީ ކަމަށެވެ.
ނަމަވެސް، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 5،400 ފޫޓު ހުރުމާއި، ދޯނި ހިލަވެއްޔާއެކު އެއްކޮށް އަޑިއަށް ގޮސްފައިވުމުން، އެ ހިސާބަށް ފީނައިގެން އެމީހުން ހޯދުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ތިން މީހުން ހޯދުމަށް އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ ބޮޑު އޮޕަރޭޝަނުގައި މިހާތަނަށް ވަނީ ވަޔާއި ކަނޑުމަގުން 6،000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައެވެ. އެގޮތުން ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް އެމީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ (ޑްރޯން) އާއި، މޯލްޑިވިއަންގެ މަތިންދާބޯޓުގެ އިތުރުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ބޭނުންކުރަމުންނެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާގައި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަމުންނެވެ.





