ގައުމުގެ އިގްތިސާދު އަނެއްކާވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުން ދެމެހެއްޓުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔަތުންނަށް ރައީސް ޑރ މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިކަމަށް ޔަގީންކަން ދެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާގައި

ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުގައި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ސިޔާސީ ފަރާތްތަކުން އެއްގަލަކަށް އެރުމަކީ ފެންނަ ރީތި ނަމޫނާއެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުން އެފަދަ މަންޒަރެއް ނުފެނުމަކީ ހިތާމަހުރި ކަމެއްކަން ފާހަގަކުރައްވައި، ސިޔާސީ ބައެއް ފަރާތްތަކުން އުފައްދާ ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ތައުލީމީ، ހޭލުންތެރި ބައެއް ކަމަށާއި، ގައުމުގެ ކަންކަން ހަލަބޮލިކުރަން ދައްކާ ވާހަކަތަކާމެދު އަމިއްލަ ބުއްދިން ވިސްނައި ގޮތް ނިންމުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުންނަންވާނެ ކަމަށެވެ.

މި ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.