ސަރަހައްދީ ފެންވަރުގައި ބާއްވާ ހޭނައްތާ ޑޮކްޓަރުންގެ ބޮޑު ކޮންފަރެންސެއް 200 އަށްވުރެ ގިނަ މަންދޫބުންނާއެކު ރާއްޖޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ކޮންފަރެންސްގެ މައިގަނޑު ބައްދަލުވުންތައް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާނީ އއ. އުކުޅަހުގައެވެ.
މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ދިވެހި ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހާއްސަ ފަންނީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ކޮންފަރެންސްގެ ދަށުން ބައިވެރިވާ ބައިނަލްއަގުވާމީ ފަންނީ ތަޖުރިބާކާރުން މެދުވެރިކޮށް ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލެއްގައި އެއްފަހަރާ ކުރިއަށް ގެންދާ މި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް 120 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން މިހާތަނަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ.އަހުމަދު އަޝްރަފް ވިދާޅުވި ގޮތުގައި މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ހޭނައްތާ ދާއިރާގައި ރާއްޖޭގެ ފަންނީ ގާބިލްކަން އިތުރުވެ، ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މިއީ ރާއްޖޭގެ މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، ސިއްހީ ދާއިރާގެ ތަރައްގީއާއެކު ގައުމުގެ އިގްތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އަޝްރަފް ވަނީ ވިދާޅުވެފައެވެ. މި ބައްދަލުވުމަކީ ސަރުކާރުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.





