ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި ސަރުކާރުން ހުށަހެޅި ބިލުގެ މައިގަނޑު އެއް ބޭނުމަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ނުހައްގުން ހޯދާ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ގާނޫނީ އޮނިގަނޑެއް ތައާރުފުކުރުމެވެ.
މީގެ ސަބަބުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މުދަލުން މާލީ މަންފާ ހޯދުން ހުއްޓުވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކިފަރާތްތަކުން ޖިނާއީ ބޮޑެތި ކުށްކޮށްގެން ހޯދާފައިވާ ދައުލަތުގެ މުދާ ދައުލަތަށް ނެގުމުގައި މިހާރު ދިމާވެފައިވާ ގާނޫނީ މައްސަލައަށް ވެސް މި ބިލުން ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބިލުގެ މަސައްކަތް މިހާތަނަށް މަޖިލީހުން ތާވަލުކޮށްފައިނުވާއިރު، ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް ވެސް އަދި ނެތެވެ.
މަނީ ލޯންޑްރިންގެ ދައުވާ އަދި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާ ފަރާތްތަކުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމަށް މިހާރު ވެސް ދައުލަތުން އެދެ އެވެ. ނަމަވެސް، އެފަދަ އަމުރުތައް ކޯޓުތަކުން ނެރުމުގައި އެކި ހުރަސްތައް ކުރިމަތިވެ އެވެ.
އެފަދަ ބޮޑެތި މައްސަލަތަކުގައި ފައިސާ ނަގަން ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، މުދާ ދައުލަތަށް ނަގަން އަންގާފައިވަނީ މަދު ފަހަރެއްގަ އެވެ.




