މަހާރާޝްޓްރާގައި ފަރުބަދައަކުން ފުންމާލާނެ ކަމަށް ބުނެ އިންޒާރުދިން 19 އަހަރުގެ ޒުވާނަކު ސަލާމަތް ކުރުމަށް ތިން ގަޑިއިރު ވަންދެން ކުރި މަސައްކަތް ނިމުނީ، އެ ޒުވާނާއާއި އޭނާގެ މައިންބަފައިންވެސް ފަރުބަދައިން ވެއްޓި މަރުވި ހިތާމަވެރި ހާދިސާއަކުން ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ޗަޓްރަޕަތީ ސަމްބާޖީނަގަރު ޑިސްޓްރިކްޓްގެ ތިސްގާއޮން ސަރަހައްދުގައި އޮންނަ ޚަވްދާ ފަރުބަދައިގައެވެ.
ފުލުހުންނާ ހަވާލާދީ ޕީ.ޓީ.އައި އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޒުވާނާ ފަރުބަދައަށް ގޮސްފައިވަނީ އައު މޯބައިލް ފޯނެއް ހޯދުމާ ގުޅޭގޮތުން މައިންބަފައިންނާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު، ހުކުރު ދުވަހުގެ ހެނދުނު 10 ޖަހާކަންހާއިރުއެވެ.
ފަރުބަދައިގެ ކުރިއަށް އެރުމަށްފަހު، އޭނާ ހުރީ ފަރުބަދައިގެ ކައިރިފަށުގައި ކަމަށާއި، އެތަނުން ފުންމާލާނެ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ ކަމަށްވެއެވެ. މިކަމާ ގުޅިގެން އޭނާގެ މައިންބަފައިންނާއި، އަވަށުގެ މީހުން އަދި ފުލުހުން ގުޅިގެން އޭނާ ރައްކާތެރި ހިސާބަކަށް ގެނައުމަށްޓަކައި ދިގުލައިގެންދިޔަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައެވެ.
އެން.ޑީ.ޓީ.ވީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޒުވާނާގެ މަންމައާއި އެހެނިހެން މީހުން އޭނާގެ ނިންމުން ބަދަލުކުރުމަށް އެދި އާދޭސްކުރަމުން ދިޔައިރު، މި ހާދިސާ ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔައެވެ.
ދަރިފުޅާ ހަމައަށް ދިއުމަށް ބައްޕަ ފަރުބަދައަށް އެރުން
އެ ޒުވާނާ ފަރުބަދައިގެ ކައިރިފަށުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުންނާއި ފަޔަރ ބްރިގޭޑްގެ މުވައްޒަފުން އެ ސަރަހައްދަށް ދިޔައެވެ.
ޚަބަރުތައް ބުނާގޮތުގައި، ފަޔަރ ސަރވިސްގެ މުވައްޒަފުން ފަރުބަދައިގެ ތިރީގައި ސަލާމަތީ ދަލެއް ފަތުރަން މަސައްކަތް ކުރި ނަމަވެސް، އެ ޒުވާނާ ފަރުބަދައިގެ ކައިރިފަށުން އެކި ދިމަދިމާލަށް ހިނގަމުން ދިއުމުގެ ސަބަބުން އޭނާ ސަލާމަތް ކުރުމަށް ކުރި މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.
އެންމެ ފުރަތަމަ އޭނާގެ ބައްޕަ މަސައްކަތް ކުރީ ފަރުބަދައިގެ ތިރީގައި ހުރެގެން ވާހަކަދައްކައިގެން އޭނާއަށް ވިސްނައިދިނުމަށެވެ. ނަމަވެސް، ހާދިސާގެ ފަހު 15 ނުވަތަ 20 މިނެޓުގެ ތެރޭގައި، ދަރިފުޅާ ހަމައަށް ދިއުމަށްޓަކައި ބައްޕަ ފަރުބަދައަށް އެރިއެވެ.
މެންދުރުފަހު 1 ޖަހާކަންހާއިރު، އެ ޒުވާނާ ފަރުބަދައިގެ ކައިރިފަށުގައި ހުއްޓާ ބައްޕަ އޭނާއާ ގާތްވެ، އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ.
ފުލުހުން ބުނި ގޮތުގައި، އެ ވަގުތު އެ ޒުވާނާ ފަރުބަދައިގެ ނުތަނަވަސް އުސްމިނުން ތިރިއަށް ވެއްޓުނެވެ. އަދި އޭނާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ބައްޕަގެ ބެލެންސް ކަސިޔާރުވެ، ބައްޕަވެސް ތިރިއަށް ވެއްޓުނީއެވެ.
އޭގެ ކުޑަވަގުތުކޮޅެއް ފަހުން، ފިރިމީހާއާއި ދަރިފުޅު ވެއްޓުނު މަންޒަރު ބަލަން ހުރި އެ ޒުވާނާގެ މަންމަވެސް ވަނީ ފަރުބަދައިން ތިރިއަށް ވެއްޓިފައެވެ.
ޕީ.ޓީ.އައި ރިޕޯޓުގައިވާ ގޮތުން، މި އާއިލާއަކީ ޗަޓްރަޕަތީ ސަމްބާޖީނަގަރުގެ ޒަލްތާ ފާޓާ ސަރަހައްދުގައި ދިރިއުޅެމުންދިޔަ އާއިލާއެކެވެ.




