މިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %43 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ޖުލައި މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 17 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު 12 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން، މިއަހަރުގެ މިހާތަނަށް (ޖެނުއަރީން ޖުލައިއަށް) ޖުމްލަ 97 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 73 މިލިއަން ރުފިޔާއާ އަޅާބަލާއިރު %31 އިތުރު އަދަދެކެވެ.

މުދަލުގެ ޒަކާތަކީ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާ މެދުވެރިކޮށް އޮންލައިންކޮށްނާއި އެ އޮތޯރިޓީގެ ކައުންޓަރުތަކުންނެވެ. އެންމެ ފަހުން މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ ގޮތުގައި، މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 21,836.50 ރުފިޔާއެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އިތުރުވަމުންދާއިރު، މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ މިދިޔަ މަހު ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ 2,384 މީހުންނަށް ޒަކާތުގެ ފައިސާ ބަހާފައެވެ. މިފަހަރު ބޮލަކަށް 5,500 ރުފިޔާ ޖެހިފައިވާއިރު، މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދުކަން ފާހަގަކޮށްލެވެއެވެ. ޒަކާތުގެ ގޮތުގައި މިފަހަރު ޖުމްލަ 13.1 މިލިއަން ރުފިޔާ ވަނީ ބަހާފައެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ދޭ މައުލޫމާތަށް ބިނާކޮށް، ޒަކާތު ހައުސްއިން ދަނީ ދޭތެރެ ދޭތެރެއިން ޒަކާތުގެ ނިޞާބަށް ބަދަލު ގެންނަމުންނެވެ.