އިދިކޮޅު އެމްޑީޕީގެ މައްޗަށް އަދިވެސް އިހުތިޔާރު ކުރައްވާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ގެކޮޅުގައި ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ އަޅާކިޔާއިރު، އަދިވެސް އިސްކަން ދެއްވާނީ ރައީސް މުއިއްޒަށް ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު މިދަންނަވަނީ އަނެއްކާވެސް އަޅާކިޔުން އިނގޭތޯ. ދެން ދާން އޮތީ އަނެއްކާވެސް އިބްރާހިމް މުހައްމަދު ސޯލިހަށޭ. އަދިވެސް އެނީ ޓައިމް އޮފް ދަ ޑޭ، އެނީ ޓައިމް އޮފް ދަ އިޔާ އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އިނގޭތޯ އެމްޑީޕީގެ މައްޗަށް އިނގޭތޯ،" އެމްޑީޕީގެ ވެރިކަމަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި އެމްޑީޕީއަކީ ފާޅުގައި ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް އަރައިގަންނަމުންދާ ޕާޓީއެކެވެ. ދާދި ފަހުން ދެއްވި އިންޓަވިއުއެއްގައި ވެސް އެމަނިކުފާނު ވަނީ ރައީސް ސޯލިހުގެ ސަރުކާރުގައި ލިބުނު އަނިޔާތަކާ އަޅާކިޔާއިރު، ރައީސް މުއިއްޒު އެފަދަ އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމުގެ އުންމީދު ވެސް އާކުރެއްވި އެވެ.
ނަމަވެސް، ރައީސް މުއިއްޒަށް 2028 ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފާއިތުވި އިންތިހާބުތަކުގައި ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީއަކީ ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އޮތް ނުތަނަވަސްކަން ހާމަވާ ކަމެއް ކަމަށެވެ.
ހޯމަދުވަހުގެ ޖަލްސާގައި ޔާމީން ވަނީ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާއި، ގާނޫނުއަސާސީއާ އެއްގޮތަށް ކަންކަން ނުކުރެވޭ މައްސަލައިގައި ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް، އިންތިހާބުތަކާ ދިމާކޮށް ފެނަކަ ފަދަ ކުންފުނިތަކަށް ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޔާމީން ވިދާޅުވީ މިފަދަ ގޮތްގޮތަށް ވަޒީފާ ދޭތީ، މަސްވެރިކަން ފަދަ ސިނާއަތްތަކުން ޒުވާނުން ގެއްލި، އެ މީހުން މިހާރު ތިބީ އެކި އިދާރާތަކުގެ "ޓެކްނީޝަނުން" ގެ ގޮތުގައި ކަމަށެވެ.
މީގެ އިތުރުން، މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އިބްރާހިމް މުހައްމަދު ސޯލިހާ އެކު މަސައްކަތް ކުރެއްވުމަށް ޔާމީން ކުރިން ނިންމެވި ނިންމެވުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ސަރުކާރު ހަމަ މަގަށް އެޅުވުމަށް އެކުގައި މަސައްކަތް ކުރަން އެއްބަސްވި ނަމަވެސް، އެ މަސައްކަތުގެ މިހާރުގެ ހާލަތެއް ސާފެއް ނުވެ އެވެ.





