މިއަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށްވުރެ މައްޗަށް އަރައި، އެ ޤައުމަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައި ކަނޑައެޅިއްޖެއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ރާއްޖެއަށް 101,391 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ %7.6 އެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ޤައުމުން ޒިޔާރަތްކުރި 125,500 ފަތުރުވެރިންނާ އަޅާބަލާއިރު މިއީ ނިސްބަތުން ދަށް އަދަދެކެވެ.

އިނގިރޭސިވިލާތަކީ މިދިޔަ އަހަރު ނިމުނުއިރުވެސް ރާއްޖެއަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޤައުމެވެ. އެ އަހަރު މުޅި ޖުމްލަ 201,797 ފަތުރުވެރިން އެ ޤައުމުން ރާއްޖެއަށް އައިސްފައިވެއެވެ. މިވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ތިން ޤައުމަކީ:

  1. 1. ޗައިނާ: 232,148 ފަތުރުވެރިން

  2. 2. ރަޝިއާ: 188,543 ފަތުރުވެރިން

  3. 3. އިނގިރޭސިވިލާތް: 101,391 ފަތުރުވެރިން

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަތަންކޮޅެއް ދަށް އަދަދެކެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ލޮޅުންތަކުގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތާއެކު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޖުމްލަ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.