ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 05:15 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށެވެ.
މެޓް އޮފީހުން ވިދާޅުވީ، ސަމާލު ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމަށް ބަލާއިރު، އިއްޔެ މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.





