ރޭ ކަނޑުމަތީގައި ހިނގި ހާދިސާއެއްގައި ފުލުހަކާއި ސިފައިންގެ ބޭކަލެއް އަދި ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ބުނީ، ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް 8 މީހުންނާއެކު ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. 

ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާއިރު، ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ ބޭކަލެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އާންމުކުރި މައުލޫމާތުގައި ބުނީ، "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށް އެ ދޯނި އަޑިއަށް ގޮސްފައިވާ ކަމަށެވެ.

ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެމަގުން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.