ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ މަތީ އޮޑިޓް އިދާރާތަކުގެ ބައިނަލްއަގުވާމީ މަހާސިންތާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިއަދު އއ. އުކުޅަހަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން، އެ ރަށުގެ ގިނައަދަދެއްގެ ރައްޔިތުންނާއި މަހާސިންތާގެ ބައިވެރިން ވަނީ ބަނދަރުމަތިން އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

މިއަދު ބާއްވާ މި މަހާސިންތާގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒު އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރަށުގެ ތަރައްގީއަށާއި އާންމު ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫތަކާގުޅޭ ހަފުލާތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ

ދުނިޔޭގެ އެކި ގައުމުތަކުގެ އޮޑިޓް އިދާރާތަކުން 80 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި މިއަދު މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އޮޑިޓް މުއައްސަސާތަކުގެ ދައުރާއި، ދައުލަތް ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމާ ގުޅޭގޮތުންނެވެ.

3 އޯގަސްޓުން 5 އޯގަސްޓުގެ ނިޔަލަށް ކުރިއަށްދާ މި ސިމްޕޯޒިއަމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ދެމެހެއްޓެނިވި ތަރައްގީއަށް ބަޖެޓު ކަނޑައެޅުމާއި މާލީ މެނޭޖްމަންޓް ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވުމަށް ކުރެވޭ ހަރަދުތައް އޮޑިޓްކުރުމާއި، އޮޑިޓް ނިޒާމުތައް ޑިޖިޓަލައިޒްކުރުމުގެ މައްޗަށެވެ.