5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އއ. އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި އެވެ.
މިއަދު ހަވީރު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ރައީސްގެ ދެކަނބަލުން ވަނީ ގަސް އިންދަވާފަ އެވެ. ރައީސްގެ ދެ ކަނބަލުން އިންދެވީ ހިތިގަހެވެ.
މިއަދުގެ ގަސް އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ގަސްއިންދަވާފަ އެވެ.
ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ، ރައިސް މުއިއްޒު 2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން އިފުތިތާހުކޮށްދެއްވި ޕްރޮގްރާމެކެވެ. އޭގެ ފަހުން މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން އެކިބާވަތުގެ 1,830,599 ގަސް އިންދާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.





